ޖިހާދަށް ކުރާ ދައުވާއަށް އިންކާރު ކުރައްވައިފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއަށް އެމަނިކުފާނު މިއަދު އިންކާރު ކުރައްވައިފި...

10 Feb 2021 | 08:51

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއަށް އެމަނިކުފާނު މިއަދު އިންކާރު ކުރައްވައިފި އެވެ.

ދައުލަތުން ޖިހާދާއި ދެކޮޅަށް ދައުވާ އުފުލީ ފުށިދިއްގަރުފަޅު ތަރައްގީކުރަން ބަޔަކަށް ދިން އިރު، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލްކުރެއްވި ކަމަށް ބުނެ އެވެ. މި މައްސަލައިގަ ޖިހާދަށް ދައުވާ ކުރީ އެ ހާދިސާ ހިނގި އިރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް އެމަނިކުފާނު ހުންނެވުމުންނެވެ.

މިއަދު އޮތް އެ މައްސަލައިގެ އަޑު އެހުމުގައި ޖިހާދު ދައުވާއަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ވަޒީރުންގެ މަޖިލީހުގެ ކުރީގެ ލިޔުންތަކަކާއި، އޭސީސީގެ ބަޔާންތަކެވެ.

މިއަދު މައްސަލަ މަދަނީ މިންގަނޑުން ބެލޭނެ ކަމަށް ގާޒީ ވަނީ ކަނޑައަޅައިފަ އެވެ. އަދި ދެ ފަރާތުންވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ދިނެވެ.

މި މައްސަލައިގެ ޝަރީއަތް ކުރިޔަށް ދަނިކޮށް ޖިހާދު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނަވަން އުޅުމުން ކްރިމިނަލް ކޯޓުގެ އަމުރަކުން ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓި އެވެ. އެކަމަކު އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކޮށްފައި އެވެ.

އެ މައްސަލަ މިދިޔަ މަހުގެ 14 ވަނަ ދުވަހު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް