ބަންގްލަދޭޝް އާއި ރާއްޖެ އާއި ދެމެދު ދެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރީ މިހާރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދެވެ.
ފޮރިން މިނިސްޓްރީން ބުނީ ދެ ގަުއމުގެ ދެމެދުގައި އެއްބަސްވެފައިވަނީ ބަންގްލަދޭޝް މަސައްކަތު މީހުން ރާއްޖެ ގެނައުން ހަރުދަނާ ކުރުމަށެވެ. ދެން އެއްބަސްވެފައިވަނީ ދެ ގައުމުގެ ފޮރިން ސާވިސް އިންސްޓިޓިއުޓުގެ މެދުގައި މަސައްކަތް ކުރުމަށެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ފަހު މިނިސްޓަރު ޝާހިދު ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭ ކޭ މޮމެންއާއެކު ބައްދަލުކުރައްވައި، ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވާފައި ވެއެވެ. އަދި ދެ ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވެ އެވެ.
މި ބައްދަލުވުމުގައި ޝާހިދު ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުން އަދާކުރާ ރޯލުގެ މުހިއްމުކަން ފާހަގަކުރައްވާފައި އެވެ. އަދި ރާއްޖޭގައި ލިޔެކިޔުން ނެތި އުޅެމުންދާ މަސައްކަތްތެރިންގެ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް އެފަދަ ފަރާތްތައް ރެގިއުލަރައިޒް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރެއްވި އެވެ..
މިނިސްޓަރު ވިދާޅުވީ އެނބުރި ބަންގްލަދޭޝްއަށް ދާން ބޭނުންވާ މިފަދަ ފަރާތްތައް އަނބުރާ ގެންދިޔުމުގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އޭގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުމަށް ގުޅިގެން މަސައްކަތްކުރުމާއި ރޮހިންޔާ ރެފިއުޖީންގެ މައްސަލައިގައި ބަންގްލަދޭޝް ސަރުކާރަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
އެކި ދާއިރާތަކުން ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ޝާހިދު ވަނީ ސިއްހީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް