ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ނިމިފައި ވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި ފުޅަދޫގެ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެެވެ.
މި މަޝްރޫޢުގެ ދަށުން، 51،861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.
ފުޅަދޫގައި 108 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައި ވާއިރު 283 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
ފުޅަދޫ ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމެ މަސައްކަތުގެ އިތުރުން، މި މަޝްރޫޢު ނިމޭއިރު 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދިގެން ދާނެއެވެ.
ފުޅަދޫ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށާފައިވަނީ 2020 ޑިސެމްބަރ އަށް ވަނަ ދުވަހު އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 48.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2019 އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް