ހައި ރިސްކް ކެޓަގަރީގެ 45 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ އުމުރުން 45 އަހަރުން މަތީގެ މީހުންނަށް މާލޭ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ. އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން 45 އަހަރާއި 55 އަހަރާއި ދެމެދުގެ މީހ...

10 Feb 2021 | 03:15

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ އުމުރުން 45 އަހަރުން މަތީގެ މީހުންނަށް މާލޭ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން 45 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ނުވަތަ ހައި ރިސްކު ކެޓަގަރީގެ މީހުން މާލެ ސަރަހައްދުގައި ވެކްސިން ދެމުންދާނެ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް 55 އަހަރުން މަތީގެ މީހުންނަށް ކޯވިޑް-19 ވެކްސިން ދެމުންދާނެ ކަމަށެވެ.

މާލޭގައި ވެކްސިން ދޭ ހޮސްޕިޓަލްތަކުގެ އިތުރުން ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް)، މާލޭ ސޯޝަލް ސެންޓަރު އަދި ވިލިމާލޭ ޒުވާނުންގެ މަރުކަޒުން މި ފަރާތްތަކަށް މިއަދު ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ހުޅުމާލެ އާއި މާލޭގައި އެ ތަންތަނުގައި ހެންދުނު 9:00 ން ހަވީރު 5:00 އަށް ވެކްސިން ދިނުމަށް ހަމަޖެހިފައވާއިރު ވިލިމާލޭގައި ވެކްސިން ދޭނީ ހެނދުނު 9:00 ން މެންދުރު 1:00 އަށެވެ.

ވެކްސިން ޖަހަން ދާއިރު ޕޯޓަލްގައި ރެޖިސްޓްރީ ނުކުރާ މީހުން އައިޑީކާޑާއި ދިގު މުއްދަތަކަށް ފަރުވާ ކުރާނަމަ އެމައުލޫމާތު ހިމެނޭ ލިޔުންތަކާއި ފެން ފުޅި ގެންދިއުމަށް އެޗްޕީއޭއިން އެދެ އެވެ. އަދި އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުދިއުމަށް އިލްތިމާސް ކުރެ އެވެ.

ބޮޑެތި ބަލިތަކުގެ ގޮތުގައި ބަލަނީ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ބަލިތައް ޖެހިފައިވާ މީހުންނެވެ. މި ކެޓަގަރީއަކީ އުމުރުން ދުވަސްވީ މީހުންނާއި އެކު ދެވަނަ އަށް އެންމެ އިސްކަން ދީގެން ކޯވިޑް-19 ވެކްސިން ދޭން ހަމަޖެހިފައިވާ ކެޓަގަރީ އެވެ.

ކޯވިޑް-19 ގައި އެންމެ އަވަހަށް ހާލު ސީރިއަސްވަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.

ރާއްޖޭގައި މިހާާތަނަށް 16،251 މީހުންނަށް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 13،418 މީހުންނަށް މާލޭގައި ވެކްސިން ދީފައިވާއިރު އަތޮޅު ތެރޭގައި ވެކްސިންދީފައިވަނީ 2،833 މީހުންނަށެވެ.

މާލެ ސަރަހައްދުގައި ހަތް ސެންޓަރެއްގައި ކޯވިޑް ވެކްސިން ދެމުންދެ އެވެ. އަތޮޅު ތެރޭގައި އިއްޔެގެ ނިިޔަލަށް ވެކްސިން ދީފައިވަނީ 21 ސެންޓަރެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް