ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތަކާއި ދަރިވަރުންނާއި މުވައްޒަފުން އަމަލު ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނަށް ވަރަށް ރަނގަޅަށް އަމަލު ކުރާ ކަމަށް ބުނެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައުލީމީ ދާއިރާއަށް ތައުރީފު ކޮށްފި އެވެ.
މިދިޔަ އަހަރުގެ މާޗް މަހުގެ ސްކޫލްތަކުގެ ކިޔެވުން ކޯވިޑާއި ގުޅިގެން ބަންދު ކުރުމަށް ފަހު މިއަދު ވަނީ ހުރިހާ ރަށެއްގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައި އެވެ. މިއަދުން ފެށިގެން 2020-2021 ވަނަ އަހަރު ދެ ވަނަ ޓާމުގެ ކިޔެވުން ސްކޫލްތަކުގައި ކުރިޔަށް ގެންދާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ސްކޫލްތަކުގައި ގައިޑްލައިންގައިވާ ހުރިހާ ކަމަކަށް އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން އިޖުތިމާއީ ގައިދުރު ކަމާއި، ފިނިހޫނުމިން ބެލުމާއި އަތް ދޮވުމުގެ އިންތިޒާމް ވަރަށް ރަނގަޅަށް ސްކޫލްތަކުގައި ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މާލޭގެ ބައި ބޯ ސްކޫލްތަކުގައިވެސް ދަރިވަރުން ސްކޫލަށް ވަނުމުގެ އިންތިޒާމްތައް އިޖްތިމާއީ ގައިދުރުކަން ހުންނާނެ ގޮތަށް އިންތިޒާމް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ކްލާސްރޫމްގައި ދަރިވަރުން ގެންގުޅުމާއި އިށީނދެ ތިބުމުގައި ގައިޑްލައިނަށް އަމަލު ކުރާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެކަމަކު ދަރިވަރުން ގޮވައިގެން ސްކޫލް ދޮށަށް ގޮސް ތިބޭ ގިނަ ބެލެނިވެރިންގެ ފަރާތުން ގައިޑްލައިނަށް އަމަލު ކުރާތަން ނުފެންނަ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދަރިވަރުން ލައިނަށް އެރުވުމަށް ފަހު ބައެއް ބެލެނިވެރިން ވާހަކަ ދައްކައި ހަދަން ގައިދުރުކަން ނެތި ކައިރި ކައިރީގައި ތިބިކަން ފާހަގަ ކުރެވުނު ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ސްކޫލް މާހައުލުގައި އެކަނި ދަރިވަރުން ގައިޑްލައިނަށް އަމަލު ކުރުމުން ކޯވިޑް ފެތުރުން ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. ގޭތެރެ އާއި މަގުމައްޗަކީވެސް ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ބެލެނިވެރިން އުސޫލުތަކަށް އަމަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް