އިއްޔެ ފުވައްމުލަކު ސިޓީގައި ގެނބިގެން މަރުވި އަހުމަދު ފައުޒާން ވަކިވެ ދިޔައީ ގައުމު ރޮއްވާލާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފައުޒާން މަރުވީ އޮޔާދިޔަ ދެ ކުއްޖަކު ސަމާލާމަތް ކުރަން އުޅެނިގެން ގެނބިގެންނެވެ. އޭނާ މަރުވީ މޫދު އަޑިން ނަގައިގެން ގެންގޮސް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހަވީރު އެވެ.
ފައިޒާން ދެއްކި ހިތްވަރަށް ތައުރީފު ކުރައްވާ ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައިޒާން ވަކިވެގެން ދިޔައީ އޭނާގެ އެ ގުރުބާނީން ގައުމު ރޮއްވާލާފައި ކަމަށެވެ. އެމަނިކުފާ ވިދާޅުވީ ފައިޒާން ވަކިވެގެން ދިޔައީ ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެއް ދައްކައިދީފައި ކަމަށެވެ.
ފައުޒާންގެ މަރާއި ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އެންމެ ފަހުވަގުތުވެސް ފައިޒާން ދައްކައިދިނީ ތިމާގެ އަމިއްލަ ނަފްސަށްވުރެ އަނެކާގެ ސަލާމަތް ކުރުމުގެ ވަރުގަދަ ހިތްވަރު ކަމަށެވެ.
ރައީސާއި ނައިބު ރައީސް ވަނީ ފައުޒާންއަށް ސުވަރުގެ ގޭގެ ދައިމީ ނިއުމަތް ލެއްވުމަށް އެދި ދުއާ ކުރައްވާފައި އެވެ.
https://twitter.com/FaisalNasym/status/1348188845112659969
އޮޔާ ދަނިކޮށް ފައުޒާން ސަލާމަތް ކޮށްދިނީ އުމުރުން 12 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުދިންނެވެ. އެ ކުދިންނަކީ ފައުޒާން އާއި އެކު މޫދަށް ގޮސް އުޅުނު އެކުވެރިންތަކެކެވެ.
އެ ކުދިން މޫދަށް އެރިގެން އުޅުނީ ފުވައްމުލަކު މާނެރެ ސަރަހައްދަށެވެ. އެ ސަރަހައްދަކީ ފުވައްމުލަކުގައި ބަނދަރު ނަހަދާއިރު އޮޑި ފޯނި ފަހަރު ރަށަށް ވަދެ ނުކުތުމަށް ބޭނުން ކުރި ސަރަހައްދެއް ކަމަށާއި އެއީ ވަރަށް އޮއި ގަދަ ސަރަހައްދެއް ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް