ޓެކްނިކަލް ބޭފުޅުންނާއެކު އެމްޓީސީސީގެ ދަތުރުތަކެއް ހއ އަދި ހދ އަށް

އެމްޓީސީސީގެ ފަރާތުން ހއ އަދި ހދ ގެ ރަށްތަކަށް ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. ރާއްޖެ ޓީވީގެ 'ޚަބަރުފީތާ' ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން އަލްފާޟިލް އިސްމާއިލް ...

10 Jan 2021 | 11:40

އެމްޓީސީސީގެ ފަރާތުން ހއ އަދި ހދ ގެ ރަށްތަކަށް ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ 'ޚަބަރުފީތާ' ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން އަލްފާޟިލް އިސްމާއިލް ފާރިޤް އަދި އަލްފާޟިލް ސާމިހް ޝެހެނާޒް ވިދާޅުވީ، މި ދަތުރުގައި އޮޑިދޯނިފަހަރު ބަނުމާއި އިންޖީނާ ގުޅޭ ތަފާތު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

އެގޮތުން، އޮޑިދޯނިފަހަރު އިންޖީނު އެޅުމަށް ސަޕްލަޔަރގެ ބޭނުންތަކާ އެއްގޮތަށް ހޯސްޕަވަރ އާއި އިންޖީނުގެ ކޮންސިސްޓެންސީ ފަދަ ކަންކަމަށް ބަލައި، އޮޑިދޯނިފަހަރު ބަނުމުގެ ކުރިންވެސް، އެ ދޯންޏަކަށް ބޭނުންވާ އިންޖީނުގެ މައުލޫމާތު ފޯރުކޮށްދޭނެކަމަށާއި  އޮޑިހަރުގެތަކަށް ޒިޔާރަތްކޮށް، އެބޭފުޅުންނަށް ބޭނުންވާ ބައެއް ކަންކަމާގުޅޭ މައުލޫމާތު ފޯރުކޮށްދޭނެކަމަށް އެދެބޭފުޅުން ވިދާޅުވިއެވެެ.

މީގެ އިތުރުން، އޮޑިއެއް ބަނދެ ނިމޭއިރު އެނގެން ބޭނުންވާ ބައެއް މައުލޫމާތު، އޮޑި ނިމުމުގެ ކުރީގައިވެސް ދެވޭނެ ކަމަށާއި އޭގެ ތެރޭގައި އޮޑީގައި އަޅަން އުޅެނީ އެކަށީގެންވާ އިންޖީނެއްތޯ އާއި ބުރަފަތީގެ ޖާގަ ހުންނާނެ ވަރު ފަދަ މައުލޫމާތު ހިމެނޭކަމުގައިވެސް ވިދާޅުވިއެވެ.

މިފަދަ ބައެއް 'މެޝަމެންޓަކީ' އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކަށް ވަރަށް މުހިންމު މައުލޫމާތުކަމުގައިވާއިރު މިހާރު ދުއްވަމުންދާ ނުވަތަ ބާލާފައިވާ އޮޑިދޯނިފަހަރަށް އަމާޒުކޮށްގެން، އެ ދޯނިތަކަށް ބޭނުންވާ ބައެއް ތަކެތި ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި އައުޓްލެޓްތަކެއް ހެދުމަށް އެމްޓީސީީސީއިން އަންނަނީ ތައްޔާރުވަމުންނެވެ.

އެމްޓީސީސީގެ  ބައެއް ޓެކްނިކަލް ބޭފުޅުން، މި ރަށްތަކުގެ އިންޖީނުތަކުގެ އަދާހަމަ ދިނުމުގެ އިތުރުން، މި އަތޮޅުތަކުގައި ތިބި އިންޖިނިއަރުންނަށް، ބޭސިކް މެއިންޓެނެންސް ފަދަ ތަމްރީނުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މި ދަތުރުގައި އެންމެ ފުރަތަމަ ދަތުރެއްގެ ގޮތުގައި މި މަހު12 ވަނަ ދުވަހު ހއ. ހޯރަފުއްޓަށް ދާނެކަމަށާއި، އެ އަތޮޅުގެ ރަށްތަކަށް ދަތުރު ކުރުމަށް ފަހު، ޖެނުއަރީ19-25 ހދ ގެ ރަށްތަކަށް ދަތުރު ކުރާނެ ކަމުގައި އެމްޓީސީސީއިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް