ސަރުކާރުން އުޅެނީ ރައްޔިތުންގެ ތާއީދު ގެއްލި ނަފުރަތު އިތުުރުވުމާއި ގުޅިގެން ހަދާނެ ގޮތް ނޭނގި ގޮތް ހުސްވެގެން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިހެން ބުނީ ހަޑިހުތުރު ވާހަކަ ދެއްކެވި މައްސަލައިގަ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމުން ނެރުނު ބަޔާނެއްގައި އެވެ. މި ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ތާވަލު ކޮށްފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.
އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ލީޑަރުންނާއި ދެކޮޅަށް ކޯޓުތަކަށް މައްސަލަ ހުށަހަޅަނީ މައްސަލަތަކެއް އުފައްދައިގެން ކަމަށެވެ. އެގޮތުން ޖުޑީޝަރީގައި މެޖޯރިޓީ އޮތުމުން އޭގެ ބޭނުން ކޮށްގެން އިދިކޮޅު ސިޔާސީ ލީޑަރުންނާއި އާންމު މެމްބަރުންނާއި ދެކޮޅަށް މައްސަލަތައް ހުށަހަޅާފައިވަނީ ކުރިޔަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅަށް ލިބޭނެ ކާމިޔާބު ތަސައްވުރު ކުރެވޭތީ ކަމަށެވެ.
އިދިކޮޅުން ބުނީ ސަރުކާރުގެ މަގުސަދަކީ ކައުންސިލް އިންތިހާބާއި ދިމާކޮށް އިދިކޮޅު ކޯލިޝަން ބައިބައިކޮށް ބަލިކަށި ކޮށްލުން ކަމަށެވެ.
އެ ބަޔާނުގައި ބުނީ ދައުވާ ކުރިޔަސް އަދުރޭއަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތައް ޖެހިވަޑައިގެންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި މަތިމައްޗަށް ދައުވާ ކުރިޔަސް އަދުރޭގެ ސިޔާސީ މަސައްކަތްތައް ހުއްޓައި ނުލައި ކުރިޔަށް ގެންދަވާނީ ސާބިތުކަމާއި އެކު ކަމަށެވެ.
ލީޑަރުންނާއި އާންމު މެމްބަރުން ހައްޔަރުކޮށް ދައުވާ ކުރިޔަސް އެންމެ އިސްކަމެއް ދީގެން ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރަމުންދާ މަސައްކަތް ކަމަށް ބުނެ އެވެ. އެ މަސައްކަތް ކާމިޔާބު ކުރުމަށް ދެން ނުކުންނާނީ އެއަށްވުރެ ވަރުގަދަކޮށް ކަމަށްވެސް ބުނެއެވެ.
އިދިކޮޅުން ބުނީ ކުރިޔަށް އޮތް ކައުންސިލް އިންތިިހާބުގައި އިދިކޮޅާއި ރައީސް ޔާމީނަށް ތާއީދު އޮތް ވަރު ސަރުކާރަށް ދައްކާނީ ވޯޓު ފޮށިން ކަމަށެވެ. އެހެން ކަމުން އެފަދަ ތާކުންތާކުން ނުޖެހޭ ދައުވާތައް ކުރުމުގެ ބަދަލުގައި ކައުންސިލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް ގޮވާލާ ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލައިގަ ޕީޖީ އޮފީހުން އޭނާ އާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. މި މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހެޅީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް ސާވިސް (ޑިޖޭއޭ) އިންނެވެ.
އަދުރޭ ހަޑިހުތު ބަހުން ވާހަކަދެއްކެވީ 28 ނޮވެމްބަރު 2019 ގައި ކްރިމިނަލް ކޯޓު ބޭރުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތްކުރައްވަ އެވެ. އެދުވަހު ދެއްކެވި ވާހަކައިގަ އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށެވެ.
ޑީޖޭއޭއިން ސިފަކޮށްފައިވަނީ އަދުރޭގެ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް