ލ.އަތޮޅު ފޮނަދޫން އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބުނާ ފަރާތްތައް ދިރިއުޅޭ ދިހަގެއެއް ކަރަންޓީން ކޮށްފިއެވެ.
މި 10 ގެ ކަރަންޓީން ކޮށްފައިވަނީ މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށެވެ.
ފޮނަދޫން އިއްޔެ ފެނުނު ކޮވިޑް-19ގެ ހަތަރު ކޭހާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވި މީހުން ދިރިއުޅޭތީ ކަރަންޓީން ކޮށްފައިވާ 10 ގެއަކީ އެވަޕީސް، ބަނަފްސާގެ، ހަޔެތު، ޗާންދަނީވިލާ، ތިބުރޯޒްގެ، އުފާ، ލައިނޫފަރުގެ، ކޮނެންޓްވިލާ، ބަގީޗާގެ އަދި ޒިއުރިކް ކަމަށެވެ.
މިހާރުގެ ފޮނަދޫގެ ހާލަތާއި ގުޅިގެން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ، އިއްޔެ ފައްސިވި މީހުންނާއި ގާތުން ޑައިރެކްޓު ކޮންޓެކްޓް ވެފައިވާ ބަޔަލު ދިރިއުޅޭ 10 ގެއެއް މިހާތަނަށް ކަރަންޓީނުކޮށްފައިވާކަމަށެވެ.
އަދި ގާތުން ޑައިރެކްޓު ކޮންޓެކްޓް ވެފައިވާ ބަޔަކު އިތުރަށް ތިބިތޯ ބަލަމުން ދާކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
ފޮނަދޫ އިން ހަތަރު މީހަކު ކޮވިޑް އަށް ފައްސިވެފައިވާއިރު، މި ކަމާއި ގުޅިގެން ގެއިން ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން އުޅުމަށް މިހާރު ވަނީ މަޖުބޫރު ކޮށްފައެވެ.
އެރަށުން ކޮވިޑް-19އަށް ފައްސިވެފައި ވަނީ އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އެއީ އަންހެނަކާއި، އޭނާގެ ތިން ދަރިންނެވެ.
އެ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ. އެރަށުން ފައްސިވި މި ހަތަރު މީހުންނަކީވެސް ކަރަންޓީންގައި ތިބި ބައެއް ނޫނެވެ. އެރަށުން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވުމާއެކު އެރަށާއި، ގަން ވަނީ މޮނީޓަރިންގ ހާލަތަށް ލާފައެވެ.
އަދި މި ކަމާއި ގުޅިގެން ގަންފޮނަދޫގެ ސްކޫލް ތައްވެސް ވަނީ ބަންދު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް