އިސްލާމް ދީނުގައި ކޮންމެ ފިރިހެނަކަށްވެސް އެއްފަހަރާ 4 އަނބިން ވަނީ ހުއްދަ ކުރައްވާފައެވެ.
ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.
"ޔަތީމުންނާއި މެދު ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ބިރުގެންފިނަމަ އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތްހަމަޖެހޭ ބަޔަކާ (ކާވެނިވެ) އިންނާށެވެ. ދޭކެވެ. އަދި ތިނެކެވެ. އަދި ހަތަރެކެވެ. ދެންފަހެ ތިޔަބައިމީހުންނަށް ޢަދްލުވެރި ނުވެވޭނެކަމަށް ހީވެ ތިޔަބައިމީހުން ބިރުގެންފިނަމަ އެކެކެވެ. ނުވަތަ ތިޔަބައިމީހުންނަށް މިލްކުވެގެންވާ ބައެކެވެ. އެގޮތް ތިޔަބައި މީހުން ޙައްގުމަގުން އެއްކިބާ ނުވުމަށާއި، އަނިޔާވެރި ނުވުމަށް ގާތްކަން ބޮޑެވެ". (ސޫރަތުއް ނިސާގެ 3 ވަނަ އާޔަތް).
ޤުރުޢާނުގެ މި އާޔަތުގެ މާނައިން ފިރިހެނަކަށް އެއްފަހަރާ 4 އަނބިން ހުއްދަކަން ޝައްކެއްވެސް ނެތް މިންވަރަށް ސާފުވެ އެނގެން އެބައޮތެވެ. އަދި މިއީ މުޅި އިސްލާމީ އުންމަތްވެސް އެކަމާ އެއްބަސްވާނެ ކަމެކެވެ.
ދެން އޮތީ ފަރުޟު ފަސް ނަމާދުގެ ވާހަކައެވެ. ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. ކާފަރުންނާ މުޢުމިނުންގެ ތަފާތަކީ ނަމާދުކަމުގައި އައިސްފައިވެއެވެ. ހަމަ އެފަދައިން ނަމާދު އެއްގޮތަކަށްވެސް ނުކުރާ މީހަކީ ކާފަރެއް ކަމަށާއި އަދި ނަމާދު އަޅާ މީހަކީ ފާސިދެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުން ނަމާދަކީ ޤިޔާމަތްދުވަހު އެންމެ ފުރަތަމައިންވެސް ހިސާބު ބެއްލެވޭނެ ޢަމަލު ކަމުގައިވެސް ވަނީ އަންގަވާފައެވެ.
ކަން މިހެން އޮތް އިރު އަހަރެމެންނަށް ފެންނަމުންދާ މަންޒަރަކީ ރާއްޖޭގެ ގިނަ ޒުވާނުން ނަމާދު ވަޤުތުގައިވެސް ކޮފީތަކުގައި ތިބޭ މަންޒަރެވެ. ނުވަތަ ރަށްރަށުގައި ނަމަ ޖޯލިތަކުގައި ތިބޭ މަންޒަރެވެ. މިސްކިތު ތާޅަފިލިން ބަންގި ގޮވަމުންދާ ވަޤުތު މިސްކިތު ކުރިމަތިން ހުރަސްކޮށް ޖެހިގެން ހުރި ގޯޅީގައި ހުންނަ ކެފޭއަށް ވަންނަތަނެވެ. އެހެން ނަމަވެސް ނަމާދަކީ ވަޤުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަން ނޭންގޭ މުސްލިމަކު ހުރުމަކީ ނާދިރު ކަމެކެވެ. ގައިމުވެސް ތާޅަފިލިން ބަންގި ގޮވާއަޑު ނީވެނީކީ ނޫނެވެ. ނުވަތަ ނަމާދަކީ ފަރުޟެއްކަން ނޭންގެނީކީވެސް ނޫނެވެ.
ނަމާދަކީ ވަޤުތު ކަނޑައެޅިގެންއޮތް ފަރުޟަކަށްވާ ހިނދުގައި އަދި އަޅައިފި ކަމަކަށް އުޒުރެއް ނެތް އެފަދަ މާތް އަޅުކަމެއް ދޫކޮށް ދިވެހި ފިރިހެނުން 2 އަންބަށް މީހުންނާ އިންނަން ބޭނުންވަނީ މާތް ވެގެންވާ އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ ކަމަކަށްވާތީޔޯލައެވެ. އެކަމަށް ބާރު އަޅުއްވާތިއްޔޯލައެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތެއް ނޫން ހެއްޔެވެ. ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ ވަގު އަންހެނުން ކައިރިއަށްދާ ނުވަތަ އެމީހުންގެ އަނބިންނާ ވަގަށް އެހެން އަންހެނުންނާ ލޯބީގެ ގުޅުން ބާއްވާ ބައެކެވެ.
ކަން މިހެން އޮތް އިރު ހަޤީޤަތުގައިވެސް ނަމާދަށް ބަންގި ގޮވުމުން މިސްކިތަށް ނާރާ ބަޔަކު ދެ އަންބަށް މީހުންނާ އިންނަން އުޅެނީ ދީނުގައި އެކަމަށް ބާރު އަޅުއްވާފައިވާތީ ހެއްޔެވެ. މި ސުވާލު ކިޔުން ތެރީންނަށް ދޫކޮށްލާނަމެވެ.
ދެން އޮތީ އޭގެ އިދިކޮޅެވެ. ދިވެހި ފިރިހެނުންނަށް ދެ އަންބަށް މީހުންނާ އިންނަން ބޭނުންވާ އަސްލު ސަބަބަކަށް ވާނީ ކޮންކަމެއް ހެއްޔެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުންނަށްވުރެން ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ބޮޑެވެ. ސެކްސް ރިސާރޗައެއް ކަމުގައިވާ ރޮބިން އާރް މިލްހޮސެން ވަރަށް ފަހުން ހަދާފައިވާ ރިސާޗަކުން ދައްކާގޮތުގައި ސްޓަޑީގައި ބައިވެރިވި 80 ޕަސެންޓް ފިރިހެނުން ވަނީ އެމީހުންހުގެ ބައިވެރިޔާއަށް ބޭވަފާތެރިވެފައިވާ ކަމަށް އެއްބަސްވެފައެވެ. އަދި މި ސްޓަޑީގައި ބައިވެރިވީ މީހުން ވަނީ ފޮރުވިފައިވާ ތަފާތު އެތަށް ސަބަބުތަށްވެސް ހާމަކޮށްފައެވެ. އެގޮތުން ބައެއް މީހުން ހާމަކުރާގޮތުގައި އުޅެން ޖެހޭގޮތުން ސްޓެރެސް ވުމުން އެހެން ބައިވެރިއެއްގެ ގާތަށް ދެވެނީއެވެ. އަނެއްބައި މީހުން ހާމަކޮށްފައިވަނީ ގެއަށް އަންނަ އިރަށް ބައިވެރިޔާގެ ޝަކުވާތަށް އޮއްސާލާކަމަށެވެ. އަދި ގިނަ މީހުން ބުނެފައިވަނީ އެހެން އުޅޭ ހިތްވަނީ ކަމަށެވެ.
"އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމާލާނޭ" ބުނާ އުސޫލުން މިލްހޮސެން ގެ މި ރިސާޗުންވެސް ގިނަ މީހުން ބުނެފައިވަނީ އެހެން އުޅޭހިތްވަނީ ކަމުގައެވެ. އެހެން ކަމުން ގިނަ އަންހެނުން ބޭނުންވުން އެއީ ބައެއް މީހުންގެ ކަށީގައި މިކަން ހިފާފައި ހުންނަ ކަމަށްކަށްވެސް ވެދާނެއެވެ. ނުވަތަ ވަޒީފާގައި އަވަދިނެތި އުޅެފައި ގެއަށް އަންނަ އިރަށް މީރު ކާއެއްޗެއް ދިނުމުގެ ބަދަލުގައި ނުވަތަ ލޯބިން ވާހަކަ ދައްކާލަ ފިރުމާލުމުގެ ބަދަލުގައި ޝަކުވާތަށް ބަންޑުންކޮށްލާތީ ސްޓްރެސްވަނީ ކަމަށްވެސް ވެދާނެ ނޫން ހެއްޔެވެ. މިއީ ހައްތާވެސް އިތުރު އަންބެއް ބޭނުންވުމުގެ ސަބަބު ކަމުގައި ވެދާނެއެވެ.
މަތީގައިވާ ސަބަބުންކުރެ ސަބަބެއް މެދުވެރިވެގެން އެހެން ކައިވެންޏަކަށް ދާންޖެހުން އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އިސްލާމް ދީނުގައި އެއް ފަހަރާ 4 އަނބިން ހުއްދަކުރައްވައެވެ. އެހެން ނަމަވެސް އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައި ވަސައްލަމަވެސް ކައިވެނިފުޅުތައް ބައްލަވާފައިވަނީ ޖިންސީ އެދުންވެރިކަމުން ނޫންކަން އަހަރެމެންނަށް ހާމަވެއެވެ. އެގޮތުން ހުވަފަތްވެފައިވާ އަންހެނުންނަށް އެހީވުމުގެ ގޮތުންނާއި އަދި ކައިވިފުޅަށް މާތް الله ގެ ވަޙީގެ ބަސްފުޅު އައުންފަދަ ތަފާތު ސަބަބުތަކާހުރެއެވެ. އެކަލޭގެފާނުގެ އެންމެ ޒުވާން ދުވަސްވަރުގައި ދަރީން ތިއްބަވާ އަދި އެކަލޭގެފާނަށްވުރެން އެތަށް އަހަރެއް ދޮށީ ޚަދީޖަތު ގެފާނާ ކައިވެނި ބައްލަވައިގަތުމުންވެސް އެކަން ހާމަވެގެންދެއެވެ.
ދިވެހި ފިރިހެނުން ދީން ހަތިޔާރަކަށް ހަދައި ދެ އަންބަށް އިންނަން ބޭނުންވާއިރު ނަމާދާ ދުރުވުމުގައި ޙިކުމަތެއްވޭ ނޫން ހެއްޔެވެ. ހަމަ ގައިމުވެސް ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް