ލ. ފޮނަދޫއާއި އެއަތޮޅު ގަން ކޮވިޑް-19ގެ ބިރުވެރިކަމުގެ ތެރޭގައި

09 ޖެނުއަރީ 2021 ވާ ހޮނިހިރު ދުވަހު އިރުއޮއްސެން ދަނިކޮށް ލިބުނު ހިތާމަވެރި ޚަބަރާއި އެކު ލ. ފޮނަދޫއާއި އެ ރަށާއި ގުޅި އެއްފަސްވެފައިވާ ލ. ގަމުގެ އިތުރުން އެރައްތަކާއި ކައިރި ރައްރަށުގެ ރައްޔިތުންގެ ހ...

10 Jan 2021 | 05:05

09 ޖެނުއަރީ 2021 ވާ ހޮނިހިރު ދުވަހު އިރުއޮއްސެން ދަނިކޮށް ލިބުނު ހިތާމަވެރި ޚަބަރާއި އެކު ލ. ފޮނަދޫއާއި އެ ރަށާއި ގުޅި އެއްފަސްވެފައިވާ ލ. ގަމުގެ އިތުރުން އެރައްތަކާއި ކައިރި ރައްރަށުގެ ރައްޔިތުންގެ ހިއްތަކަށް ވަނީ ބޮޑު ބިރުވެރިކަމެއް ވެރިވެގެން ގޮސްފައެވެ. އެއީ ލ.ފޮނަދޫން ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވި ޚަބަރެވެ. މި ޚަބަރާއި އެކު މުޅި ރަށުގެ ދިރުން ކެނޑުނު ކަހަލަ އެވެ. ރަށުގެ ރައްޔިތުންނަށް ގޮތް ހުސްވިކަހަލައެވެ.

މި ޚަބަރު ލިބުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލ. ފޮނަދޫއާއި ގަން މޮނީޓަރިންގެ ހާލަތަށް ގެނައެވެ. އަދި ގަމާއި ފޮނަދޫއާއި ގުޅިފައިވާ މި ދެރަށުގެ ރައްޔިތުން މުހިންމު ބޭނުންތަކުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރަމުންގެންދާ ބޯޑަރުވެސް ބަންދުކުރެވިގެން ދިޔައީއެވެ. ޒަރޫރީ ބޭނުމެއްގައި ކޮންމެ ހެން ގެއިން ނިކުންނަން ޖެހިގެން ނޫންގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ. ގެއިން ބޭރަށް ނިކުންނަ ނަމަ މާސްކުއެޅުން މަޖުބޫރެވެ.

ލ.އަތޮޅު ފޮނަދުއާއި ގަމަށް އެއަތޮޅުގެ ރަށްތަކުންނާއި ކައިރި ރަށްތަކުން ކޮންމެ ދުވަހަކު އެތައް ބަޔަކު އަރައި ފައިބާ ހަދައެވެ. އެހެންކަމުން އެދެރަށުގައި ބަލި ފެތުރިފައި އޮތްނަމަ އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ބިރުވެރިކަން އެންމެ ބޮޑުވެ މުޅި ރާއްޖެ ލޮކްޑައުންއަކަށް ގޮސް އިއްޔެއާއި ހަމައަށް އައިއިރުވެސް ގަން ފޮނަދޫ އޮތީ ސޭފް ހާލަތުގައެވެ. ގިނަ ބަޔަކަށް ހީވެފައި އޮތްގޮތުން މިހާރު ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ މާ ބޮޑަކަށް ނެތެވެ. އެގޮތުން ބައެއް ކަންކަން ފަސޭހަކޮށްލާ ދޫތައް ދީފަވެސް ވެއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު މިވަނީ ލާމު އަތޮޅުގެ ރައްޔިތުން ހީވެސް ނުކުރާފަދަ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ލ. ފޮނަދޫން އިން ކޮވިޑް-19 އަށް 4 މީހަކު ފައްސިވުމާއި ގުޅިގެން އެރަށާއި ގުޅިފައިވާ ގަމު ހިމެނޭ ގޮތަށް ހުރިހާ ސްކޫލްތައްވެސް މިހާރު މިވަނީ ބަންދުކޮށްފައެވެ. ކޮންޓެކްޓް ޓްރޭސިން ނިމެންދެކަށް ސްކޫލްތައް ބަންދު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނީ ރައްކާތެރިކަމަށް ބަލައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތަކުގެ މަތިންނެވެ.

ފޮނަދޫން ކޮވިޑް-19 އަށް ފައްސިވީ ގއ.ދެއްވަދޫން އެރަށަށް ދިޔަ އާއިލާއެގެ ހަތަރު މީހެކެވެ.

މިހާރު ލ.ފޮނަދު އާއި ގަމަށް އަރައި ފޭބުން މަނާކޮށް އެދެރަށުން ވެސް ބައެއް މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

އަތޮޅުތެރޭގެ އެއްވެސް ރަށަކަށް 30 ނޮވެމްބަރ 2020 އަށް ފަހު ގއ.ދެއްވަދޫއިން ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތް ސެންޓަރަށް އެކަން އެންގެވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ޑިސެމްބަރ 25 ގެ ފަހުން ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

30 ނޮވެމްބަރުގެ ފަހުން ގއ.ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ ފަރާތްތަކުން ކޮވިޑް-19 ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުންނެވުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް