ރައީސް ކަމަށް އަންހެނުންނަށް ވާދަކުރެވޭ ގޮތް ހަދައި އަދާލަތުގެ އިންތިހާބު ފަސްކޮށްފި

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު ބާއްވާ ތާރީހު ފަސްކޮށްފި އެވެ. ކުރިން ތާވަލު ކޮށްފައިވާ ގޮތުން އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި އިންތިހާބުގައި ވާދަ ކުރުމަ...

10 Jan 2021 | 04:57

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު ބާއްވާ ތާރީހު ފަސްކޮށްފި އެވެ.

ކުރިން ތާވަލު ކޮށްފައިވާ ގޮތުން އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި އިންތިހާބުގައި ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފަހުގެ ތާރީހަކީ މިމަހުގެ 19 ވަނަ ދުވަހެވެ.

އަދާލަތުން ބުނީ އިންތިހާބު މިހާރު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިންތިހާޞު ފަސްކުރީ އަދާލަތު ޕާޓީގެ ދުސްތޫރުގެ 42.1 ވަނަ މާއްދާގެ ދަށުން ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ފަހު އެވެ. އެ ބަދަލު ގެނެސްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

އެބަދަލަކީ އަދާލަތު ޕާޓީގެ ރައީސްކަމަށް ހަމައެކަނި ފިރިހެނުންނަށް ވާދަ ކުރެވޭ ގޮތަށް އޮންނަ މާއްދާ އުވާލުމެވެ. އެ މާއްދާ އުވާލަން އަސާސީ ގަވައިދަށް އިސްލާހު ހުށަހެޅުއްވީ އަދާލަތުގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އެވެ.

އެ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި މި ބަދަލާއި އެކު އަދާލާތު ޕާޓީގެ އެންމެ އިސް ދެ މަގާމުކަމަށްވާ ރައީސާއި ނައިބު ރައީސް ކަމަށް އަންހެނުންނަށް ވާދަ ކުރެވޭނެ އެވެ. މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ ތިން ވަނަ ދައުރަކަށް އެ ދެމަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބެކެވެ.

އަދާލަތުން ބުނީ މި އިންތިހާބުގައި ވޯތު ލެވޭނީ މިމަހުގެ 13 ވަނަ ދުވަހަށް ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ.

މި އިންތިހާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަަމަ 3342671 އަށް ގުޅައި ނުވަތަ  [email protected]އަށް އީމެއިލް ކުރުމަށް އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް