2020-2021 ވަނަ އަހަރުގެ ދެވަނަ ޓާމަށް މަރުހަބާ!

މިއަދަކީ އާ އަހަރާއެކު ދަރިވަރުން ސްކޫލް ދިޔަ ފުރަތަމަ ދުވަހެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއީ ދިރާސީ އާ އަހަރު ފެށުނު ދުވަހެއް ނޫނެވެ. މިއަދު ފެށުނީ 2020-2021 ވަނަ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުމ...

10 Jan 2021 | 04:45

މިއަދަކީ އާ އަހަރާއެކު ދަރިވަރުން ސްކޫލް ދިޔަ ފުރަތަމަ ދުވަހެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއީ ދިރާސީ އާ އަހަރު ފެށުނު ދުވަހެއް ނޫނެވެ. މިއަދު ފެށުނީ 2020-2021 ވަނަ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުމެވެ.

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މިދިޔަ އަހަރުގެ މާޗް މަހު މެދުކަނޑާލި ފަހުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފަށާ މިއީ ފުރަތަމަ ދުވަހެވެ. އެހެންކަމުން 2020 ވަނަ އަހަރު ވެގެން ގޮސްފައިވަނީ ކުދިން ސްކޫލާ އަދި ކިޔެވުމާވެސް ބީރައްޓެހި ވެގެންދިޔަ ދުވަސްތަކަކަށެވެ.

މިދިޔަ އަހަރު ސްކޫލްތައް ބަންދު ކުރަން ޖެހުމާއި ގުޅިގެން ދަރިވަރުންނަށް ކިޔަވައިދޭން ޖެހުނީ ޓެލި ކަލާސްތަކާއި އޮންލައިން ކްލާސްތައް މެދުވެރިކޮށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހާޒިރީ މާކުކޮށްގެން އެ ކްލށްތައް ކުރިޔަށް ގެންދިޔަ ނަމަވެސް އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ކްލާސްތައް ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންދެވިފައި ނުވާ ކަމަށެވެ.

ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި ބާއްވަން ޖެހުމާއި ކްލާސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގައި ދިމާވި ކަންކަމާއި ގުޅިގެން ކަމާ ބެހޭ ފަރާތްތަކާއި ބޭރުގެ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާއި ކުރެވުނު މަޝްވަރާއަށް ފަހު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވަނީ 2021 ގައި ފަށާނީ 2020 ގެ ދެވަނަ ޓާމް ކަމުގައެވެ. މި ޓާމް ނިމި، 2021 ގެ ދިރާސީ އާ އަހަރުގެ ފެށޭނީ އޮގަސްޓު މަހުގެ ތެރޭގައި އެވެ.

ދަރިވަރުންނާއި މުދައްރިސުންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުވަމުން އެޑިއުކޭޝަން މިނިސްޓަރު ޑ.އައިޝަތު އަލީ ވިދާޅުވީ، ކަންދިމާވި ގޮތުން މި އަހަރު މި ފެށެނީ ނުނިމިއޮތް ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ގޮތުގައި ކަމަށެވެ. އަދި ބަންދުކުރުމެއް ހުއްޓުމެއް ނެތި ކިޔެވުން ކުރިއަަށް ގެންދެވޭނެ ކަމުގައި އުންމީދު ކުރާ ކަމަށެވެ.

މުދައްރިސުންނާއި ދަރިވަރުން ދުރުގައި ވުމަކީ އެއްބަޔަކު ނުފެންނަ ކަމުގެ މޮޅިކަން އަނެއްބަޔަކަށް އިޙުސާސްވާ ކަމެއް ކަމަށާއި، އުނގެނުމާއި އުނގަންނައިދިނުމަށް އުނިކަން އަންނާނެ ކަމެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ކޯވިޑްގެ މި ހާލަތުގައި ސްކޫލްތަކަކީ ދަރިވަރުންނަށް އެންމެ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި މިނިސްޓްރީން ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ. އޭގެ ތެރޭގައި ދަރިވަރުން ސްކޫލްގައި އުޅޭއިރު މާސްކް އަޅައި ގައިދުރުކަން ބެހެއްޓުން ހިމެނެއެވެ. އަދި ސްކޫލަށް ވަންނަ އިރު ފިނިހޫނުމިން ބަލާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް