ޖަލަށް ލާފާނެކަމަށް ބިރަށް ސިޔާސީ ހަރަކާތްތައް ހުއްޓާލައިގެން ނުތިބޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ހއ. ކެލާގައި މިރޭ ބޭއްވި ޖަލްސާގައި، ޕީޕީއެމް އޮފީހުގައި ހުންނަވައި ކެލާ ރައްޔިތުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ސުޖާ ވިދާޅުވީ ޖަލަށް ލާފާނެ ކަމުގެ ބިރަށް ޖަލްސާތައް ނުބާއްވާ ނުތިބޭނެ ކަމަށެވެ.
"ޖަލަށް ލާފާނެތީ ބިރަށް އަޅުގަނޑުމެން ނުތިބޭނަން ޖަލްސާތައް ނުބާއްވައެއް. އަދި ސިޔާސީ ހަރަކާތްތައް ވެސް ހިންގާނަން. މަޑުން ތިބޭނެކަމަށް ރައީސް ޞާލިހުއާއި، މިސަރުކާރުން ދެކުމަކީ ވަރަށް ބޮޑު ކުށް ހީއެއް." ޝުޖާ ވިދާޅުވިއެވެ.
ސުޖާ ވިދާޅުވީ ސަރުކާރުން އިދިކޮޅު ކޯލިޝަނަށް ކެންޕެއިން ކުރުމަށް އަންނަނީ ހުރަސް އަޅަމުން ކަމަށާއި އެތައް ގޮންޖެހުންތަކެއް ކުރިމަތި ކުރުވަމުން އަންނަކަމަށެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕާއި އާންމު މެމްބަރުންނަކީ މާގުޅުން ރަނގަޅު ބަދަހި ސަފުތަކެއް އޮތް ޕާޓީއެއްކަމަށާއި އެކަން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ދައްކާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
ސުޖާ ވިދާޅުވީ ދިވެހި ޤައުމަށާއި، ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތާއި ގުޅިގެން ޖަލަށްލައި އަނިޔާ ދިނަސް އެއަނިޔާއަށް ކެތްކުރަން އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ތައްޔާރަށް އޮތް ކަމަށެވެ.
އެތައް މަހެއް ވަންދެން ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައިވާއިރު، އެމަނިކުފާނު ދައްކަމުންދާ ހިތްވަރަކީ މުޅި ލީޑަރޝިޕަށް ހިތްވަރުލިބޭ ކަމެއް ކަމަށް ވެސް ސުޖާ ވިދާޅުވި އެވެ.
ރައީސް ޔާމީން އެދެނީ އެމަނިކުފާނުގެ ހައްގުގައި ކައުންސިލް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ކަމަށް ވެސް ޝުޖާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް