2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިހާނު ފަށައިފި އެވެ. މި އިމްތިހާނުގައި ރާއްޖޭން 3200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.
މިނިސްޓްރީން ބުނީ ޖަނަވަރީ މަހުގެ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިހާނު އިއްޔެ ފަށާފައިވާ އިރު، މި މިފަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 3219 ދަރިވަރަކު ބައިވެރިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މައުލޫމާތު ދެއްވާ ކަމަށެވެ. އެއީ 3072 ސްކޫލް ކެނޑިޑޭޓުންނާއި، 147 އަމިއްލަ ކެނޑިޑޭޓުން ކަމަށެވެ.
ޑީޕީއީ އިން ވިދާޅުވީ މިއަހަރުގެ އިމްތިހާނުގައި މުޅި ރާއްޖެއިން ޖުމްލަ 37 ސެންޓަރަކުން ބައިވެރިވާ ކަމަށާއި، އެއީ މާލޭގެ 5 ސްކޫލް ސެންޓަރާއި 1 ޕްރައިވެޓް ސެންޓަރު އަދި އަތޮޅުތެރޭގެ 30 ސްކޫލް ސެންޓަރަކާއި 1 ޕްރައިވެޓް ސެންޓަރު ކަމަށެވެ.
މި އިމްތިހާން މި މަހުގެ 26 ވަނަ ދުވަހާއި ހަމައަށް ދެމިގެން ދާނެ ކަމަށާއިމި ފަހަރުގެ ޖެނުއަރީ މަހުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަކީ 2015 ވަނަ އަހަރުގެ މެއި/ޖޫން ގައި ގުރޭޑް 11 އަށް ކިޔަވަން ފެށި ދަރިވަރުންނާއި އަދި މިދިޔަ އަހަރުގެ މާރޗް މަހު ގްރޭޑް 11 އަށް ކިޔަވަން ފެށި ދަރިވަރުން ކަމުގައި ބުނެ އެވެ.
މިއީ ރާއްޖޭގައި އޭލެވަލްއަށް ކިޔަވާ ދަރިވަރުންގެ ތެރެއިން ޖެނުއަރީ މަހުގެ އިމްތިހާނު ހަދާ އެންމެ ފަހު ބެޗުގެ ދަރިވަރުން ކަމުގައި ހާމަކުރެ އެވެ.
"މެއި/ޖޫންގައި ބާއްވަމުން އައި އެޑެކްސެލް އޭލެވެލް އިމްތިހާނާއި ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްރިހާނު އަހަރުގެ ފަހުކޮޅު ބާއްވާގޮތަށް ހަމަޖައްސައި، މިދިޔަ އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގައި އޯލެވެލް އައިޖީއެސްސީ އަދި އެސްއެސްސީގެ އިމްތިހާނާއި އެކު އޭލެވެލްގެ އިމްތިހާނު ފުރަތަމަ ފަހަރަށް ކުރިއަށް ގެންގޮސްފައިވެއެވެ." އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގެ އޭލެވެލް އިމްތިހާނުގައި 334 ދަރިވަރަކު އަދި އޯލެވެލް އިމްތިހާނުގައި 7033 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށާއި އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނު އަހަރުގެ ފަހުކޮޅުގައި ބާއްވާ ގޮތަށް ނިންމީ އޯލެވެލް ހެދުމަށްފަހު އޭލެވެލްއަށް ކިޔަވަން ފެށުމާ ދޭތެރޭ ގިނަ މަސްތަކެއް ހޭދަވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް