ސަދަގާތުގެ ގޮތުގައި ބެހުމަށް ސައުދީން ފޮނުވި ކަދުރު ބެހުމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ނުވާކަމަށް އޭސީސީން ހާމަކޮށްފި އެވެ.
އޭސީސީން މިކަން ހާމަކޮށްފައިވަނީ 1437 ވަނަ އަހަރުގެ ރަމަޟާންމަހު ދިވެހި ރައްޔިތުންނަށް ޞަދަޤާތުގެ ގޮތުގައި ބެހުމަށް ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއަށް ފޮނުއްވެވި 50 މެޓްރިކް ޓަނުގެ ކަދުރު ބެހުމާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާ ބެލުމަށްފަހު އެކަން ނިންމި ގޮތް ހާމަކޮށް ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނުން ބެލިބެލުމުގައި، ސަޢުދީ ސަރުކާރުން ފޮނުއްވެވި ކަދުރުގެ ތެރެއިން، ފަޤީރުންނާއި ނިކަމެތިންނަށް ބެހުމަށްޓަކައި މުލީއާގެއާ ކަދުރު ޙަވާލުކޮށްދިނުމަށް މުލީއާގެއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި އެދުމުން 500 ފޮށި ކަދުރު މުލީއާގެއާ ޙަވާލުކޮށްފައިވާއިރު، ފަގީރުންނާއި ނިކަމެތިންނަށް ދަރުމައަށް ކަދުރު ބެހުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް މުލީއާގޭގައި އެދިފައިވާ ފަރާތްތަކަށް މުލީއާގެއިން ކަދުރު ޙަވާލުކޮށްފައިވާކަމާއި، މިކަން މިގޮތަށް ކޮށްފައިވަނީ އަވަހަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން، އެކަން އެގޮތަށް ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުން، އެމައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނަޑައަޅައި މި ކޮމިޝަނުން އެ މައްސަލަ ނިންމާފައިވާކަމަށް އެ ނޫސްބަޔާނުގައި ވެ އެވެ.
މީގެ އިތުރުން، ބޭރުގެ އެކިއެކި ގައުމުތަކުންނާއި އެހެނިހެން ގޮތްގޮތުންވެސް ރައްޔިތުންނަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލޭ ގޮތަށް ޢަމަލު ކުރަމުންދާކަމުގެ ޝަކުވާ މިކޮމިޝަނަށް ލިބެމުންދާތީ، ކުރިޔަށް އޮތްތަނުގައި އެހީގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންނަށް ބެހުމަށްޓަކައި ވަކިވަކި އޮފީސްތަކާ ނުވަތަ ޖަމްޢިއްޔާތަކާ ޙަވާލުކުރާނަމަ، އެތަކެތި އެފަރާތްތަކާ ޙަވާލުކުރާނެ ހަރުދަނާ އުޞޫލެއް ކަނޑައަޅުއްވައިގެން އެއުޞޫލުގެ ދަށުން އެކަން ކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގާފައިވާކަމުގައިވެސް އޭސީސީގެ ނޫސްބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް