ނިމިދިޔަ އަހަރަކީ ސެމްސަންގް ކުންފުންޏަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު އަހަރެކެވެ. ނޯޓް ހަތެއް އަތަށް ގޮވުމުންނެވެ. ކަސްޓަމަރުންގެ ހަނދާނުން އެ ހަނދާން ފޮހެލެވޭ ވަރުގެ އުފެއްދުމެއް ތައާރަފް ކުރުމުގެ މަސައްކަތް ސެމްސަންގް ކުންފުނިން އަންނަނީ ކުރަމުންނެވެ.އެއީ ސޭމްސަންގް ގެލެކްސީ އެސް 8 އެވެ.
އެސް 8 އާއި ބެހޭގޮތުން މިހާތަނަށް ތަފާތު ބައެއް ވާހަކަތައް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް އެއީ އޭގެ ތެދުދޮގު އެއްވެސް ވަރަކަށް ކަށަވަރު ނުވާ ވާހަކަތަކެވެ. ނަމަވެސް މިފަހަރު މިއޮތީ ކަމެއް ކަށަވަރުވެފަ އެވެ.
ސޭމްސަންގްއިން ވާޗުއަލް އެސިސްޓެންޓް ޕޭމެންޓް މެތަޑެއް ޓެސްޓް ކުރަމުން އަންނަ ކަމެވެ. އެކަން ހާމަވެފައިވަނީ ސެމްސަންގެ ގެ މޯބައިލް ޕްލެޓްފޯމަކުން އެ ޕޭމަންޓް ސިސްޓަމް ފެނުމުންނެވެ. ދީފައިވާ ނަމަކީ ބިކްސްބީ އެވެ.
ބިކްސްބީ އަކީ މީގެ މަސްތަކެއް ކުރިން ސެމްސަންގް އިން ގަނެފައިވާ ކުންފުންޏެއް ކަމުގައިވާ ވީއައިވީ ކުންފުނީގެ ޓެކްނޮލޮޖީ އެކެވެ. އެ ކުންފުންޏަކީ އެޕަލްގެ ސިރީ އުފެއްދި ދެ ޑެވެލޮޕަރުންގެ ކުންފުންޏެކެވެ. ބިކްސްބީ އަކީ ފޯނު މެދުވެރިކޮށް އެކަކު އަނެކަކަށް އަދި އެއް ހިދުމަތުން އަނެއް ހިދުމަތަށް ފަސޭހަކަމާއެކު ފައިސާ ފޮނުވާލުމުގެ ގާބިލުކަންވެސް ލިބިފައިވާ ޓެކްނޮލޮޖީ އެކެވެ. ފޯނު ނެގުމަށްފަހު "ބިކްސްބީ އެވެނި މީހަކަށް 30 ޑޮލަރު ފޮނުވާލާ" މި ޓެކްނޮލޮޖީ އާއެކު ފައިސާ ފޮނުވުން އެހާ ފަސޭހަވެގެންދާނެ އެވެ.
މި ޓެކްނޮލޮޖީ ތަރައްގީކޮށް ކޮންމެވެސް ސިފައެއްގައި މި ޓެކްނޮލޮޖީ ޓެސްޓް ކުރަން ފަށާފައިވާކަން ކަށަވަރުވި ނަމަވެސް މި ޓެކްނޮލޮޖީ އެސް 8ގައި ހިމަނާނެކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ. ނަމަވެސް މި ދުވަސްވަރަކީ އެސް 8 ނެރުމަށް ސެމްސަންގްއިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ދުވަސްވަރަކަށްވެފައި ހަމަ މިދުވަސްވަރު ބިކްސްބީ ޓެސްޓްކުރުމުން އެސް 8ގައި މި ޓެކްނޮލޮޖީ ހިމެނޭނެކަމުގައި ވަރަށް ބޮޑަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް