އައިފޯނަށް 10 އަހަރު – މިހާތަނަށް ނެރުނު 12 ފޯނަށް ބަލައިލުމެއް

"މިއީ ޓަޗް ކޮންޓްރޯލް ހިމެނޭ ވައިޑް ސްކްރީން އައިޕޮޑެއް، އިންގިލާބެއް ގެނުވާނެ މޯބައިލް ފޯނެއް، އިންޓަނެޓް ކޮމިއުނިކޭޝަންސް އަށް ބޮޑު ކުރިއެރުމެއް ގެނުވާނެ ޑިވައިސް އެއް" މިއީ މީގެ ދިހަ އަހަރު ކުރިން ...

10 Jan 2017 | 04:14

"މިއީ ޓަޗް ކޮންޓްރޯލް ހިމެނޭ ވައިޑް ސްކްރީން އައިޕޮޑެއް، އިންގިލާބެއް ގެނުވާނެ މޯބައިލް ފޯނެއް، އިންޓަނެޓް ކޮމިއުނިކޭޝަންސް އަށް ބޮޑު ކުރިއެރުމެއް ގެނުވާނެ ޑިވައިސް އެއް" މިއީ މީގެ ދިހަ އަހަރު ކުރިން އެޕަލްގެ ފައުންޑަރ ސްޓީވް ޖޮބްސް އެޕަލްގެ ފުރަތަމަ އައިފޯނު އަތް މައްޗަށް ލައިގެން ހުރެ އާއްމުކޮށް ދައްކާލަމުން ބުނި ތިން ޖުމްލަ އެވެ.

މި އުފެއްދުމަށް އިއްޔެ ތިން އަހަރު ފުރިފައިވާއިރު އެޕަލްއިން ވަނީ އައިފޯނުގެ 12 މޮޑެލް އެއް ނުވަތަ ފްލެގްޝިޕް މޮޑެލްތަކެއް ބާޒާރަށް ނެރެފަ އެވެ. މި އާޓިކަލްގައި މި ބަލައިލަނީ އެ 12 އުފެއްދުމަށެވެ. ކޮންމެ އުފެއްދުމަކާއި ބެހޭ ކުޑަ މައުލޫމާތު ކޮޅަކާއި އެކުގަ އެވެ.

  1. އައިފޯނު (2007)

އެޕަލް އިން އެއްމެ ފުރަތަމަ އައިފޯނެއް ނެރުނީ 2007 ވަނަ އަހަރުގަ އެވެ. އެއީ މިއަދު މި ދެކޭ ސްމާޓްފޯނު ޖެނެރޭޝަންގެ ފެށުން ކަމުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ. މި ފޯނާއެކު "ގްރިޑް އޮފް އައިކަންސް ލޭއައުޓް" އާއި ސިންގަލް ހޯމް ބަޓަން އާއި މަލްޓިޕަލް ޓަޗް ޑިސްޕްލޭ ވުޖޫދަށް އައެވެ.

  1. އައިފޯނު 3 ޖީ (2008)

އައިފޯން ފްލެގްޝިޕްގެ ދެވަނަ މޮޑެލް އައިފޯނު 3ޖީ ތައާރަފް ކުރެވިގެންދިޔައީ 2008 ވަނަ އަހަރުގަ އެވެ. މިއީ އައިފޯނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން އަދި ޑެވެލޮޕަރުންނަށް އަމިއްލައަށް އެޕްލިކޭޝަން ހެދުމުގެ ފުރުސަތު ގެނެސްދިން އަދި އެޕަލްގެ ފުރަތަމަ 3ޖީ އައިފޯނެވެ. ޖީޕީއެސް ނޭވިގޭޝަން ފުރަތަމަ ހިމެނުނު އައިފޯނުވެސް މެ އެވެ.

  1. އައިފޯނު 3ޖީ އެސް (2009)

މިއީ އައިފޯނުގެ ފުރަތަމަ އެސް މޮޑެލް އެވެ. އެޕަލް އިން ސިފަ ކުރި ގޮތުގައި އެސް ރަމްޒު ކޮށްދެނީ ސްޕީޑެވެ. މި ފޯނު ތައާރަފްކުރީ ކުރީގެ ފޯނުތަކަށްވުރެ ސްޕީޑް ރަނގަޅު ޕްރޮސެސާ އަކާއި އެކުގަ އެވެ.

  1. އައިފޯނު 4 (2010)

މިއީ ގިނަ ތަފާތު ތަކަކާއެކު ނެރުނު އައިފޯނެކެވެ. އައިފޯނު ޑިޒައިނަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. ކަން ވައްކުރި އެވެ. ރެޓީނާ ޑިސްޕްލޭ ތައާރަފް ކުރެވިގެން ދިޔަ އެވެ. އަދި މިއީ ފްރޮންޓް ކެމެރާ ފީޗާ ފެނިގެން ދިޔަ ފުރަތަމަ އައިފޯނުވެސް މެ އެވެ. ނެރުނީ އައިއޯއެސް 4 އާއެކުގަ އެވެ.

  1. އައިފޯނު 4 އެސް (2011)

މިއީ ސިރީ ތައާރަފް ކުރެވިގެން ދިޔަ އުފެއްދުމެވެ. އޮކްޓޯބަރު 4، 2004 ވަނަ ދުވަހު މި ފޯނު ތައާރަފް ކުރެވިގެންދިޔައީ ފްރޮންޓްގައި 8 މެގަޕިކްސެލް ކެމެރާއާއި އެކުގަ އެވެ. އައިފޯނުގެ ބާނީ ސްޓީވް ޖޮބްސް މަރުވީ ޖެހިގެން އައި ދުވަހުކަން ފާހަގަކޮށްލެވެ އެވެ.

  1. އައިފޯނު 5 (2012)

ދެވަނަ ފަހަރަށް އައިފޯނުގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެނެވުނެވެ. 4 އިންޗި ޑިސްޕްލޭއެއް ހިމެނޭއިރު އެލްމިނިއަމް ކޭސް އެއް ބޭނުންކޮށްފައިވުމުން ކުރިން ނެރުނު ފޯނުތަކާ އަޅާ ބަލާއިރު ފޯނު ލުއިކަން ފާހަގަ ކުރެވުނެވެ.

  1. އައިފޯނު 5 ސީ (2013)

މި ފޯނުގައި ހާއްސަ އަދި ތަފާތު ކަމަކަށް ފެނިގެން ދިޔައީ ފޯނުގެ ޑިޒައިނަށް ގެނެސްފައިވާ ބަދަލެވެ. އައިފޯނު 5 ގެ ހުރިހާ ފީޗާއެއް ހިމެނުނު ނަމަވެސް ޑިޒައިންގައި ބޮޑަށް ބޭނުންކުރެވިގެންދިޔައީ ޕްލާސްޓިކެވެ.

  1. އައިފޯނު 5 އެސް (2013)

މިއީ ސްމާޓްފޯނެއްގައި 64 ބިޓް ޕްރޮސެސާއެއް ހިމެނުނު ފުރަތަމަ ފަހަރެވެ. އައިއޯއެސް 7 އާއެކު މި ފޯނު ތައާރަފް ވެގެންދިޔައީ އެޕަލްގެ ފިންގަރޕްރިންޓް ރެކޮގްނިޝަން ސިސްޓަމާއެކުގަ އެވެ.

  1. އައިފޯނު 6 އަދި 6 ޕްލަސް (2014)

އައިފޯނުގެ ސައިޒަށް ބޮޑު ބަދަލެއް ގެނެވުނެވެ. މޯބައިލް ޕޭމެންސްޓްސް ހެދޭގޮތަށް އެންއެފްސީ ސަޕޯޓް ހިމެނުނެވެ. ޕްރޮސެސަރ އަދި ކެމެރާ ވަރުގަދަކުރެވިގެން ދިޔަ އެވެ. ނަމަވެސް މިފޯނާއެކު އެޕަލް އަށް ބޮޑު މައްސަލައަކާ ކުރިމަތިލާންވެސް ޖެހުނެވެ. އެއީ އައިފޯނު 6 "ބެންޑް" ވާ މައްސަލަ އެވެ.

  1. އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް (2015)

މި މޮޑެލް ލޯންޗް ކުރެވިގެން ދިޔައީ އައިފޯނު ބެންޑްވާ މައްސަލައަށް ނިމުމެއް ގެނުވަމުންނެވެ. އެލްމިނިއަމް ކޭސް އަދި ޑިސްޕްލޭ ވަރުގަދަކޮށްލި އެވެ. ޕްރެސަރ ސެންސިޓިވިވް ޑިސްޕްލޭ (3ޑީ ޓަޗް) ފީޗާ ހިމެނިގެން ދިޔަ އެވެ.

  1. އައިފޯނު އެސްއީ (2016)

މިއީ އައިފޯނަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދިޔަ ސަޕްރައިޒެކެވެ. މިއީ އައިފޯނުގެ އެއްމެ ފަހުގެ ފީޗާތަކާއެކު އެހެންނަމަވެސް ހެޔޮ އަގެއްގައި ވިއްކުމަށް އެޕަލްއިން ނެރުނު ފޯނެކެވެ.

  1. އައިފޯނު 7 އަދި އައިފޯނު 7 ޕްލަސް (2016)

އައިފޯނުގެ ޑިޒައިނަށާއި ފީޗާތަކަށް ބޮޑު ބަދަލެއް ގެނެވުނެވެ. ފެން ނުވަންނާނޭހެން ވޯޓާ ރެސިސްޓެންޓް ކުރެވުނެވެ. ހޯމް ބަޓަން ޑިޖިޓަލް ކޮށްލި އެވެ. ހެޑްފޯނު ޖެކް ސްލޮޓް ނުހިމެނޭގޮތަށް އޭގެ ބަދަލުގައި އެއަރ ޕޮޑް ތައާރަފް ކުރި އެވެ.

އައިފޯނަށް ލޯބިކުރާ ފަރާތްތަކުން މިހާރު އިންތިޒާރު ކުރަމުން އަންނަނީ މި އަހަރު އަލަށް ތައާރަފްކުރާނެ ކަމަށް ބެލެވޭ އައިފޯނުގެ އައު މޮޑެލް އައިފޯނު 8 އަކަށެވެ. އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މި ފަހަރުވެސް އައިފޯނަށް ލޯބިކުރާ ފަރާތްތަކުން ތިބީ ތަފާތުކަންތައްތަކެއް ފެނިގެންދާނެ ކަމުގެ އިންތިޒާރގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް