މަސްތުވާތެކެތި ރާއްޖެއަށް އެތެރެ ކުރި މައްސަލާގައި ހައްޔަރުކުރި ގއ. ވިލިނގިލީ ލައިޓް ހައުސް، ޝަހީބު އިބްރާހީމް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން ކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.
ޝަހީބު ހައްޔަރުކޮށްފައިވަނީ ކަންނެލި ދޯންޏެއްގައި ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތެކެތީގެ މައްސަލައިގަ އެވެ. ހައިކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރީ ކްރިމިނަލް ކޯޓުން ޝަހީބު ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
ކްރިމިނަލް ކޯޓުން އެފަހަރު އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.
ހައި ކޯޓުގެ ހުކުމް ޝަހީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޝަހީބާ ދެކޮޅަށް ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ބަޔާންތަކާއި ހެކިންގެ ބަޔާންތަކާއި މޮބައިލް ފޯނު އެކްސްޓްރެކްޝަން ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓްތައް ހުށަހަޅާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ހެކިތަކަށް ބަލާއިރު ޝަހީބަށް ކުރެވޭ ތުހުމަތާ އޭނާއާ ގުޅުވާލެވޭ ހެކި ހުރި ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް