ޑްރޯން ބޭނުންކޮށްގެން މާފުށި ޖަލަށް ވަގަށް އެއްޗެހި ވައްދަން އުޅެނިކޮށް އަތުލައިގެންފި

ޑްރޯންއެއް ބޭނުން ކޮށްގެން މާފުށީ ޖަލަށް ވަގަށް އެއްޗެހި ވައްދަން އުޅެނިކޮށް އަތުލައިގެންފި އެވެ. ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން މާފު...

09 Dec 2020 | 07:34

ޑްރޯންއެއް ބޭނުން ކޮށްގެން މާފުށީ ޖަލަށް ވަގަށް އެއްޗެހި ވައްދަން އުޅެނިކޮށް އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން މާފުށި ޖަލަށް ވަގަށް އިލެކްޓްރޯނިކް ސާމާނުތަކެއް ވައްދަން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށެވެ. އޭގެތެރޭގައި އިންޓަނެޓް ރައުޓަރަކާއި އަށް މޮބައިލް ފޯނާއި ހަ ޗާޖަރާއި ޔޫއެސްބީ ކޭބަލް އަދި ދެ ސިމް ހިމެނެ އެވެ.

އަހުމަދު ކުރެއްވި ޓުވީޓުގައި ވަނީ ޑްރޯން ބޭނުންކޮށްގެން ވަގަށް ވައްދަން އުޅުނު ސާމާނުގެ ފޮޓޯއެއް އާންމު ކުރައްވާފައިވެ އެވެ. މިއީ ޑްރޯންއެއް ބޭނުންކޮށްގެން ޖަލަށް ވަގަށް އެއްޗެހި ވައްދަން އުޅުނު ފުރަތަމަ ފަހަރެވެ.

https://twitter.com/ahumadhumohamed/status/1336541742225522688

އާންމުކޮށް ޖަލަށް ވެއްދުން މަނާތަކެތި ވައްދަނީ އާއިލީ ބައްދަލުވުންތަކާއި މުވައްޒަފުންނާއި ގައިދީންނަށް އާއިލާތަކުން ފޮނުވާ ތަކެތީގެ ތެރެއަށް ލައިގެންނެވެ. އެކަމަކު ޖަލުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރި ފަހުން ޖަލަށް ވެއްދުން މަނާތަކެތި ވެއްދުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި އެވެ.

ކަރެކްޝަންސްގެ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މަހު އެ ސާވިސްގެ ބެލުމުގެ ދަށުން ހިންގާ މާފުށީ، މާލޭ އަދި އައްސޭރި ޖަލަށް ވަގަށް ވައްދަން މަސައްކަތް ކުރަނިކޮށް ހިފަހައްޓާފައިވަނީ ނުވަ ފޯނާއި 13 ގްރާމްގެ މަސްތުވާތަކެއްޗާއި ހަ ސިމް ކާޑެވެ. މީގެ އިތުރުން ޖަލުތަކަށް ވައްދަން އުޅެނިކޮށް އަތުލައިގެންފައިވާ ތަކެތީގެ ތެރޭގައި ޗާޖަރާއި ފޯނު ބެޓަރި އާއި ހެޑް ފޯނު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް