ސާފްގެ ހައި-ލެވެލް ޕްލެޖިން ހަފްލާގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފި

އދގެ ސެންޓްރަލް އިމާޖަންސީ ރެސްޕޯންސް ފަންޑް (ސާފް) ގެ މިއަހަރުގެ ހައި-ލެވެލް ޕްލެޖިންގ އިވެންޓްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ. "އަ ފަންޑް ފޯ އޯލް، ބައި ...

09 Dec 2020 | 06:18

އދގެ ސެންޓްރަލް އިމާޖަންސީ ރެސްޕޯންސް ފަންޑް (ސާފް) ގެ މިއަހަރުގެ ހައި-ލެވެލް ޕްލެޖިންގ އިވެންޓްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

"އަ ފަންޑް ފޯ އޯލް، ބައި އޯލް"، މި ޝިއާރުގެ ދަށުން ވާޗުއަލްކޮށް ބޭއްވި މި އިވެންޓް އިންތިޒާމުކުރީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއަރޒް އިންނެވެ. މި އިވެންޓްގައި މިއަހަރު ފަންޑުން ހޯދި ކާމިޔާބީތައް ފާހަގަކޮށް، 2021 ވަނަ އަހަރަށް ފަންޑަށް އެހީތެރިވެދިނުމަށް ޤައުމުތަކުން ކަނޑައަޅާ މިންވަރު ހާމަކޮސްފައިވެއެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓު އަބްދުﷲ ޝާހިދު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސާފްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ބަލިމަޑުކަމާ ކުރިމަތިލުމަށް ބޭނުންވާ އެހީތެރިކަން ވަރަށް އަވަހަށް، ކޮންމެހެން ބޭނުންވާ ދިމަދިމާއަށް ފަންޑުން ފޯރުކޮށްދިންކަން ފާހަގަކުރެއްވިއެވެ.

އަދި ކޯވިޑް-19 އާއި އެނޫންވެސް ގުދުރަތީ ހާދިސާތަކާއި ކުއްލި ޙާލަތްތަކުގައި ސަރފް އިން ފޯރުކޮށްދޭ އަވަސް އެހީތެރިކަމުގެ ސަބަބުން މިފަދަ ކަންކަމުގެ ސަބަބުން އިންސާނިއްޔަތަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑުތަނުން މަދުކުރެވިގެންދާކަން ޚާއްސަ ގޮތެއްގައި އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެންމެ ބޮޑަށް އެހީ ބޭނުންވެފައިވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމުގައި އަންހެނުންނާއި ކުޑަކުދިން އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސާފް އިން ޚާއްސަ އަހައްމިއްޔަތުކަމެއް ދެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހީ ކޮންމެހެން ބޭނުންވާ ސަރަހައްދުތައް ދެނެގަނެ، ކަމުގެ މާހިރުންގެ ލަފަޔާއެކު ފޯރުކޮށްދިނުމަށްޓަކައި ސާފްއިން ފޯރުކޮށްދޭ އެހީ އދގެ އެކި އެޖެންސީތައް މެދުވެރިކޮށް ފޯރުކޮށްދިނުން މުހިއްމުކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އަވަސް އަދި ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ ބޭނުމުގައި ސެންޓްރަލް އިމާޖަންސީ ރެސްޕޯންސް ފަންޑް އެކުލަވާލުމާށް ނިންމީ 2005 ވަނަ އަހަރު އދގެ ޢާއްމު މަޖިލީހުންނެވެ. 2006 ވަނަ އަހަރު މި ފަންޑް ޤާއިމްކުރެވުނު ފަހުން 100 އަށްވުރެ ގިނަ ޤައުމުތަކަށް 5.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ މި ފަންޑުން ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް