ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސްރީލަންކާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި އެވެ. މި ދަތުރުފުޅުގައި ރަ...

09 Nov 2021 | 17:02

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސްރީލަންކާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަ އެވެ.

ރާއްޖެއާ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭގޮތަށް ފެށި މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރާއްޖެއާ ސްރީލަންކާގެ ޓީމެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ދެއްވި ރަސްމީ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާ ދެޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކުގައި ޚިޔާލު ބަދަލުކޮށްލައްވާފަ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ، ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް