މިނިވަން ވޭޖާމެދު ރިސޯޓު މުވައްޒަފުން ހިތްހަމައެއް ނުޖެހުނު، ބައެއް ރިސޯޓުތަކުގަ އިހުތިޖާޖު

ސަރުކާރުން އިއްޔެ އިއުލާނު ކުރި މިނިވަން ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ އާއި މެދު ހިތްހަމަ ނުޖެހިގެން ބައެއް ރިސޯޓުތަކުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ. ސަރުކާރުން އިއްޔެ އިއުލާނު ކުރި މިނިވަން ވޭ...

09 Nov 2021 | 10:10

ސަރުކާރުން އިއްޔެ އިއުލާނު ކުރި މިނިވަން ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ އާއި މެދު ހިތްހަމަ ނުޖެހިގެން ބައެއް ރިސޯޓުތަކުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ސަރުކާރުން އިއްޔެ އިއުލާނު ކުރި މިނިވަން ވޭޖު ކެޓަގަރީގެ ތެރެއިން ރިސޯޓު މުވައްޒަފުން ހިމެނެނީ އެންމެ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައި އެވެ. އެ ކެޓަގަރީގެ މުވައްޒަފަކަށް މިނިވަން ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،000 ރުފިޔާ އެވެ.

މިކަމާއި ގުޅިގެން އިހުތިޖާޖު ކުރި ބައެއް ރިސޯޓުތަކުގެ ތެރޭގައި ދުސިތް ތާނީ އާއި މެރިއޮޓްގެ ވެސްޓިންގަ އެވެ. ރިސޯޓު މުވައްޒަފުންގެ ޖަމިއްޔާ ޓީމުން ބުނީ މިރޭ ވެސް އިތުރު ރިސޯޓުތަކުން ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރާނެ ކަމަށެވެ.

ޓީމުން އާންމުކޮށްފައިވާ ބައެއް ވީޑިއޯތަކާއި ފޮޓޯތަކުގައި މުވައްޒަފުން އެކަމާއި ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ިބީ ތަފާތު ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެންނެވެ. އެ މުވައްޒަފުންގެ ކަންބޮޑުވުމަކީ މިސަރުކާރުން ވައުދުވީ ގޮތަށް ރިސޯޓު މުވައްޒަފުންގެ މުސާރަ 10،000 ރުފިޔާއަށް ބޮޑުނުވުމުންނެވެ.

މިނިވަން ވޭޖް ބޯޑުން ފާސްކޮށް ސަރުކާރަށް ހުށަހެޅީ ބޮޑެތި ކުންފުނިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 8،900 ރުފިޔާ ދިނުމަށެވެ. އެކަމަކު ވޭޖް އިއުލާނު ކުރި އިރު 900 ރުފިޔާ ކަނޑާލާފައި އޮތުމުންވެސް އިހުތިޖާޖު ކުރި މުވައްޒަފުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ.

ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ސަރުކާރުން އިއުލާނުކުރި މިނިމަމް ވޭޖުގައިވާ ގޮތުން ކުދި ވިޔަފާރިތަކަށް 4،500 ރުފިޔާ އެންމެ ދަށް މުސާރައިގެ ގޮތުގައި ދޭން ޖެހެ އެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސިވިލް ސާވިސްގެ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 7،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް