އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ދިވެހި ސިފައިންގެ ޕައިލެޓުންނަށް ލިބިއްޖެ އެވެ.
މިއީ މި ހުއްދަ ދިވެހި ޕައިލެޓުންނަށް ލިބުނު ފުރަތަމަ ފަހަރެވެ. މި ހުއްދަ ފުރަތަމަ ފަހަރަށް ލިބުނު ދެ ޕައިލެޓުންނަކީ ފަސްޓް ލެފްޓިނެންޓް އިބްރާހީމް ޝަރީފާއި ލެފްޓިނެންޓް އަޙްމަދު އަލީ އެވެ.
މިކަމަށްޓަކައި ބޭއްވި މިއަދު ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ 2 ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.
ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ ސިފައިންނަށް ފުރަތަމަ ފަހަރަށް ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަކީ ލިބުނު ޝަރަފެއް ކަމަށާއި މި ޕައިލެޓުން ތަމްރީންކޮށްދިން އިންޑިއާގެ ސިފައިންނަށް ޝުކުރު އާދަކުރައްވާ ކަމަށެވެ.
މިއަދު ހުއްދަ ދިން 2 ޕައިލެޓުން ބުނީ މިފަދަ ޚިދުމަތެއް ދިނުމަށް ޝައުގުވެރިވީ ޤައުމީ ޚިދުމަތެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެމްއެންޑީއެފަކީ މިފަދަ ގިނަ ފުރުސަތު އޮތް މުއައްސަސާއެއް ކަމަށެވެ.
ރާއްޖޭގައި ދިމާވާ އެކި ޙާދިސާތަކުގައި، ސިފައިންގެ އެކި ބޭނުންތަކުގައި ވެސް ޑޯނިއާ ބޯޓު އަންނަނީބޭނުން ކުރަމުން ނެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުމަށް ވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަންނަނީ ޑޯނިއާ ބޭނުން ކުރަމުން ނެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ މަސްތުވާތަކެއްޗާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށް ވެސް ބޭނުނބް ކުރެއެވެ. އަދި ކަނޑުމަތީގައި ޙާލުގައިޖެހޭ މީހުން ހޯދުމަށާއި އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އެހެނިހެން ކަންކަމަށް ވެސް ޑޯނިއާ ބޯޓު ބޭނުން ކުރެއެވެ.
2019 ވަނަ އަހަރު ބަދަލުކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖްގެ ދަށުން ދިވެހި ޕައިލެޓުންނަށް އެއާކްރާފްޓް ދުއްވޭގޮތަށް އިންޑީއާއާއެކު ދިވެހި ސަރުކާރުންވަނީ އެއްބަސްވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް