އދ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކަކީ މުޅި އިންސާނިއްޔަތަށް މުހިއްމު ނިންމުންތަކެއް: މިނިސްޓަރ ޝާހިދު

އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވި އިރު ވައުދުވެވަޑައިގެންނެވި ފަދައިން، އެމަޖިލީހުގެ އޮނިގަނޑާއި މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ބައެއް ކަންކަން އެމަޖިލީހުގެ ރައީސް ފޮރިން މިނިސްޓަރ ޢަބްދުﷲ...

09 Nov 2021 | 08:14

އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވި އިރު ވައުދުވެވަޑައިގެންނެވި ފަދައިން، އެމަޖިލީހުގެ އޮނިގަނޑާއި މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ބައެއް ކަންކަން އެމަޖިލީހުގެ ރައީސް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހުށަހަޅުއްވައިފި އެވެ.

އެގޮތުން އދގެ އާއްމު މަޖިލީހުގައި އިއްޔެ މިކަމާ ބެހޭ ގޮތުން ކުރިއަށްދިޔަ ބަހުސްގައި، މިނިސްޓަރ ޝާހިދު ވިދާޅުވީ އދގެ އާއްމު މަޖިލީހަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު މަލްޓިލޭޓަރަލް ޕްލެޓްފޯމް ކަމަށާއި، މުހިއްމު އެކި ދާއިރާތަކުން އެމަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކަކީ މުޅި އިންސާނިއްޔަތަށް މުހިއްމު ނިންމުންތަކެއް ކަމަށެވެ.

އެހެންކަމުން، އާއްމު މަޖިލީހުގެ މަސައްކަތްތައް ތަރުތީބުކުރެވެނީ އިންސާނިއްޔަތާއި އިންސާނުންނައް އެވަގުތަކަށް ދިމާވެފައިވާ އެންމެ މުހިއްމު މައްސަލަތަކާއި މެދު ބަހުސްކުރެވި، އެމައްސަލަތަކަށް އަވަސް ހައްލެއް ގެނެވޭނެ އިންތިޒާމަކުން ކަން ކަށަވަރުކުރަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ކަނޑައަޅާފައިވާ އާއްމު މަޖިލީހުގެ އެޑްހޮކް ވަރކިން ގްރޫޕުން ދެ ކަމަކަށް އިސްކަން ދެއްވުމަށް މިނިސްޓަރ އިރުޝާދު ދެއްވި އެވެ.

އެގޮތުން އދގެ ޗާޓަރު އެކުލަވާލިއިރު އާއްމު މަޖިލީހާއި ސަލާމާތީ މަޖިލީހުގެ ބާރުތަކަށް އެއްވަރަކަށް މުހިއްމުކަން ދިން ނަމަވެސް، މިހާރު އާއްމު މަޖިލިސް ކުރިއަށް ދާގޮތުން މުހިއްމު ކަންކަމާ މެދު މަޝްވަރާނުކުރެވި، ދިގު ބަހުސްތަކެއް ކުރިއަށް ގޮސް، ފިޔަވަޅުތައް އެޅުން ވަރަށް ބޮޑުތަކުން ދިގުދެމިގެންދާކަން ފާހަގަކުރެއްވި އެވެ.

އެހެންކަމުން އާއްމު މަޖިލީހަށް ލިބިފައިވާ މަޝްވަރާކޮށްގެން ހައްލު ނެރުމުގެ ބާރުގެ ބޭނުން ހިފޭނެ ގޮތަކަށް މަސައްކަތްތައް އަތުރާލުމަށް މެމްބަރު ޤައުމުތަކަށް ގޮވާލެއްވި އެވެ.

މީގެ އިތުރުން އާއްމު މަޖިލީހުގައި ކުރެވޭ ބައެއް މަސައްކަތްތައް ތަކުރާރުކޮށް ދެވަނަ ފަހަރަށް ނުވަތަ ތިން ވަރަށް ފަހަރަށް ވެސް ކުރެވޭ ތަން އަންނަކަމަށާއި، ބައެއް ޤަރާރުތައް ކޮންމެ އަހަރަކު ހުށަހެޅޭއިރު އެއަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވިފައި ނުހުންނަކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އެހެންކަމުން އާއްމު މަޖިލީހުގެ މަސައްކަތް ކުރިއަށްދާގޮތް މިހާރަށްވުރެ ހަރުދަނާކޮށް، ނަތީޖާ ނެރުމަށް މަސައްކަތްކުރުމަށް މިނިސްޓަރ ލަފާދެއްވި އެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަތަކަށް ގިނަ ޤައުމުތަކުން ތާއީދުކުރިއިރު، އެމެރިކާ އަދި ސިންގަޕޯރ ފަދަ ޤައުމުތަކުން ވަނީ މިނިސްޓަރގެ އުއްމީދުގެ ރިޔާސަތުގެ ވާހަކަ ފާހަގަކޮށް، އެޤައުމުތަކުން އެމަސައްކަތް ބަލައިގަންނަކަން އިއްޔެގެ ބަހުސްގައި ފާހަގަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް