އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ގޯޕާލް ސިޓީގެ ހޮސްޕިޓަލެއްގެ ކުޑަކުދިންގެ އައިސީޔޫގައި އަލިފާން ރޯވެ ހަތަރު ކުއްޖަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ އިރާކޮޅު އެ ސިޓީގެ ކަމަލާ ނެހްރޫ ހޮސްޕިޓަލްގައި އެވެ. ހާދިސާ ހިނގި އިރު އައިސީޔޫގައި 40 ކުދިންނަށް ދިޔައީ ފަރުވާ ދެމުންނެވެ.
އަލިފާން ރޯވުމާއި އެކު ކުދިންތައް އެހެން ވޯޑުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށި ކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޝިވްރާޖް ސިންގް ޗައުހަން ވިދާޅުވި އެވެ. ހާދިސާގައި ސަލާމަތް ނުކުރެވި މަރުވީ ވަރަށް ހާލު ދެރަ ހަތަރު ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެތަނުން ސަލާމަތް ކުރެވުނު ކުދިންގެވެސް ތަންތަން ފިހުމާއި ދުމުގެ އަސަރު ކޮށްފައިވެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގެ އެވެ. ޗައުހަން ވިދާޅުވީ ކުޑަކުދިންގެ އައިސީޔޫގައި އަލިފާން ރޯވާން ޖެހުނު ސަބަބު ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން އަންގަވާފައިވާ ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން އިންޑިއާގެ މަހާރާޝްޓްރާގެ އަހްމަދްނަގަރްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައިވެސް ވަނީ އަލިފާން ރޯވެފައި އެވެ. އެ ހާދިސާގައި އެތަނުގައި އެޑްމިޓް ކޮށްފައި ތިބި 11 މީހުން މަރުވެފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް