ތުރުކުމެނިސްތާނުން އަދިވެސް ކޯވިޑް ނުފެނޭ ބުނާތީ ޑަބްލިއުއެޗްއޯއިން ޝައްކު ކުރަން ފަށައިފި

ތުރުކުމެނިސްތާނުން އަދިވެސް ކޯވިޑްގެ އެއްވެސް ކޭސްއެއް ފެނިފަ ނުވާ ކަމަށް ބުނާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޝައްކު ކުރަން ފަށައިފި އެވެ. ޑަބްލިއުއެޗްއޯއިން ކޯވިޑްގެ ތަފާސް ހިސާބު...

09 Nov 2021 | 04:06

ތުރުކުމެނިސްތާނުން އަދިވެސް ކޯވިޑްގެ އެއްވެސް ކޭސްއެއް ފެނިފަ ނުވާ ކަމަށް ބުނާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޝައްކު ކުރަން ފަށައިފި އެވެ.

ޑަބްލިއުއެޗްއޯއިން ކޯވިޑްގެ ތަފާސް ހިސާބު އެއްކުރަނީ އެ ގައުމެއްގެ ސިއްހީ އިދާރާއިން ފޯރުކޮށްދޭ މައުލޫމާތުތަކުގެ މައްޗަށް ބަލައިގެންނެވެ. ޑަބްލިއުއެޗްއޯއިން ބުނާގޮތުގައި ތުރުކުމެނިސްތާނުގެ ހެލްތް މިނިސްޓްރީން ފޯރުކޮށްދެމުންދާ ތަފާސް ހިސާބު ދައްކާގޮތުން އަދި އެއްވެސް މީހަކަށް އެ ގައުމުން ކޯވިޑް ޖެހިފައެއް ނުވެ އެވެ.

ޑަބްލިއުއެޗްއޯގެ ސީނިއާ އެމަޖެންސީސް އޮފިސަރު ޑރ. ކެތަރިން ސްމޯލްވުޑް ވިދާޅުވީ ކޯވިޑް މުޅި ދުނިޔޭގައި ފެތުރޭތާ ދެ އަހަރުވީ އިރު ތުރުކުމެނިސްތާނުން ކޯވިޑް ކޭސްއެއް ނުފެނޭ ބުނުމުން ގަބޫލު ކުރަން ދަތިވާ ކަމަށެވެ. ސައިންޓިފިކް ގޮތުން ބުނާނަމަ ކޯވިޑް ކޭސްއެއް ނެތް ކަމަށް ބުނަނީ އެ ގައުމުން އެ މައުލޫމާތު އެއް ނުކުރާތީ ކަމަށް ގަބޫލު ކުރާކަމަށް ވިދާޅުވި އެވެ.

ޑރ. ކެތަރިން ވިދާޅުވީ ނުރަސްމީކޮށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު އެ ގައުމުގައި ކޯވިޑް އެބަ އުޅެއެވެ. އެކަމަކު ތުރުކުމެނިސްތާނުގެ ހެލްތް މިނިސްްރީން ޑަބްލިއުއެޗްއޯއަށް ދޮގު ތަފާސް ހިސާބު ފޮނުވަނީ ކަމަށް ބޭނުން ނުވާކަމަށާއި އެއްވެސް ގައުމެއްގެ ސިއްހީ އިދާރާއަކުން އެފަދަ ގޮތަކަށް އަމަލު ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޑރ. ކެތަރިން ވިދާޅުވީ ތުރުކުމެނިސްތާނުގައި ކޯވިޑް ކޭސްއެއް ނެތް ނަމަވެސް ރަނގަޅު ފިޔަވަޅުތަކެއް އަޅާފައި އެބަހުރި ކަމަށެވެ. އެގޮތުން މާސްކު ނާޅައި އިޖްތިމާއީ ގައިދުރުކަމުގައި އާންމުތަނުގައި ނޫޅޭ ނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން ބޮޑެތި މީހުންނަށް ކޯވިޑް ވެކްސިން މަޖުބޫރު ކަމަށް ކަނޑައެޅި ފުރަތަމަ ގައުމަކީ އެއީ ކަމަށް ވިދާޅުވި އެވެ.

ތަފާސް ހިސާބު ދައްކާގޮތުން އެ ގައުމުގައި 3.21 މިލިއަން މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 53.2 ޕަސެންޓު މީހުންނެވެ.

ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި ތުރުކުމެނިސްތާނަކީ ތަފާސް ހިސާބުތައް ސިއްރުކޮށް ނައްތާލުމުގައި ތާރީހެއް އޮތް ގައުމެއް ކަމަށެވެ. އަދި އެ ފަދަ މައުލޫމާތު ލީކު ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭގައުމެއް ކަމުން ކޯވިޑްގެ ތަފާސް ހިސާބު ސިއްރު ކުރަނީ ކަމަށް ބުނުމުން ގަބޫލު ނުކުރާނެ މީހަކު ނުހުންނާނެ ކަމަށެވެ.

އެގައުމުން ކޯވިޑް ނުފެންނަ ކަމަށް ބުނާއިރު ތުރުކުމެނިސްތާނުގެ އަވައްޓެރި ގައުމުތައް ކަމަށްވާ އަފްގާނިސްތާނާއި ކަޒަކިސްތާނުގައިވެސް ކޯވިޑް ވަރަށް ގިނަ އެވެ. އަދި ހާއްސަކޮށް މި ދުވަސްވަރު ބޯޑަރު ހުރަސްކޮށް އަފްގާން ރައްޔިތުން ވަގަށް އެތެރެވުން އިތުރުވެފައިވާއިރު ބަލި އެ ގައުމުގައި ނޫޅޭ ކަމަށް ގަބޫލު ކުރަން ދައްޗެވެ.

ތުރުކުމެނިސްތާނުގެ އިތުރުން ނޯތް ކޮރެއާ އަކީވެސް މިހާތަނަށް ކޯވިޑް ކޭސްއެއް ނުފެންނަ ކަމަށް ވަކާލާތު ކުރާ އާބާދީ ބޮޑު ގައުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް