ޕޮގްބާއަށް އަނިޔާވެއްޖެ، ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހިދާނެ

އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު މިޑްފީލްޑަރ ޕޯލް ޕޮގްބާއަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. ޕޮގް...

09 Nov 2021 | 02:10

އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު މިޑްފީލްޑަރ ޕޯލް ޕޮގްބާއަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ޕޮގްބާއަށް އަނިޔާވީ އަންނަ ހަފްތާ ހޮނިހިރު ދުވަހު ކަޒަކިސްތާނާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ކޮލިފައިން މެޗަށް ތައްޔާރު ވުމަށް ފްރާންސްގެ ގައުމީ ޓީމާއި އެކު ކްލެއާފޮންޓެއިންގެ ޓްރެއިނިން ބޭސްގައި ކުރިޔަށް ގެންދިޔަ ވަން އޮން ވަން ޝޫޓިން ޑްރިލްގެ ތެރެއިންނެވެ.

ސަސްޕެންޝަނުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ނުކުޅެވުނު ޕޮގްބާ އަށް ލިބުނު މި އަނިޔާ އާއި ގުޅިގެން ކޮލިފައިންގައި ފްރާންސްް ކުރިޔަށް ކުޅެން އޮތް ކޮލިފައިން ދެމެޗުވެސް ގެއްލިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ފްރާންސްގެ ކޯޗު ޑިޑިއަރ ޑެޝޯމްޕްސް މީޑިއާއަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ ޕޮގްބާއަށް އަނިޔާގެ މައްސަލަ ކުރިމަތިވީ ފްރާންސް ގައުމީޓީމާއި އެކު ހޯމަ ދުވަހު  ކްލެއާފޮންޓެއިންގެ ޓްރެއިނިން ބޭސްގައި ކުރިޔަށް ގެންދިޔަ ވަން އޮން ވަން ޝޫޓިން ޑްރިލްގެ ތެރެއިން ކަމަށާއި އަދި ގޯލު އޭރިއާ ބޭރުން ގޯލަށް އަމާޒުކޮށް ހެދި ބާރު ޝޮޓަކާއި އެކު ޕޮގްބާގެ ފަލަމަސް ގަޑަށް ތަދެއް އަރާފައިވާ ކަމަށެވެ. އަދި އެރި އެ ތަދާއި އެކު ޕޮގްބާ ވަރަށް ބާރަށް ހަޅޭއްލަވައިގަނެ ފައިގައި ހިފަހައްޓައިގެން ބިންމަތީގައި އިށިންނިކަމަށް ވެސް ޑިޝޯމްޕް ބުންޏެވެ. އަދި އިތުރަށް ޓްރެއިނިގް ކުރިޔަށް ނުގެންދެވިގެން ޓްރެއިނިންގް ގްރައުންޑުން ޕޮގްބާ ބާލަން ޖެހިފައިވާ ކަމަށް ވެސް ޑިޝޯމްޕް ބުންޏެވެ.

" ޕޮގްބާއަށް ވަނީ އަނިޔާވެފައި، އޭނާއަށް އަނިޔާވީ ހޯމަ ދުވަހު ކްލެއާފޮންޓެއިންގެ ޓްރެއިނިން ބޭސްގައި ކުރިޔަށް ގެންދިޔަ ވަން އޮން ވަން ޝޫޓިން ޑްރިލްގެ ތެރެއިން. ގޯލު އޭރިއާ ބޭރުން ގޯލާ އަމާޒުކޮށް ހެދި ޝޮޓަކާއި އެކު ކުއްލިއަކަށް ހަޅޭއްލަވައިގެންފައި ބިންމަތީގައި އިށީންނިތަން ފެނުނީ. އޭރު ހުރީ ދެ އަތުން ފައިގެ ފަލަމަސް ގަނޑުގައި ބާރަށް ހިފަހައްޓައިގެން. އެހިސާބުން ޓްރެއިނިންގް މެދު ކަނޑާލާފައި ޕޮގްބާ ގެންދަން ޖެހުނީ." ޑިޝޯމްޕް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޑިޝޯމްޕް ބުނީ ޕޮގްބާއަށް އަނިޔާވީ އޭނާގެ ކަނާތު ފައިގެން ފަލަމަސް ގަނޑަށް ކަމަށާއި އަނިޔާގެ ކުޑަބޮޑުމިން ކިޔަން އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައި ކަމަށް އޭނާ ބުންޏެވެ. އަދި ޕޮގްބާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ވަކި މުއްދަތެއް ވެސް އެނގިގެން ދާނީ ޓެސްޓުތަކަށް ފަހުގައި ކަމަށް ވެސް ޑިޝޯމްޕް ބުންޏެވެ.

ޕޮގްބާއަށް އަނިޔާވިއިރު، އޭނާއަށް މުހިންމު ގިނަ މެޗުތަކެއް ގެއްލޭނެ ކަމަށް ވަނީ ބެލެވިފައެވެ. އެގޮތުން މި އިންޓަނޭޝަނަލް ބްރޭކުގައި ކުޅެން ހަމަ ޖެހިފައިވާ ވޯލްޑްކަޕް ކޮލިފައިން ދެ މެޗާއި ޔުނައިޓެޑް އަދި ވިޔަރެއާލް ބައްދަލުކުރާ ޗެމްޕިއަންސް ލީގު މެޗުގެ އިތުރުން މިމަހުގެ 28 ވަނަ ދުވަހު ލީގުގައި ޗެލްސީއާއި ދެކޮޅަށް ކުޅޭ މެޗު ވެސް ޕޮގްބާއަށް ގެއްލިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޕޮގްބާއަށް އަނިޔާގެ މައްސަލަ ކުރިމަތިވިއިރު، އޭނާ މިވަގުތު ހުރީ ސަސްޕެންސަނުގައެވެ. އޭނާ ސަސްޕެންޑް ކުރީ ލީގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުގެ ނަބީ ކިއޭޓާއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެއްކި ރަތް ކާޑާއި ގުޅިގެންނެވެ. މި ރަތްކާޑާއި ގުޅިގެން ޕޮގްބާ ސަސްޕެންޑް ކޮށްފައިވަނީ ހަމަ އެކަނި ޕްރިމިއާ ލީގު ތިން މެޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް