67 ރަށުގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު އިންޑިއާ އިން ރާއްޖެއާ ޙަވާލުކޮށްފި

ރާއްޖޭގެ 67 ރަށުގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ. މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ސާމާނެވެ. ހޯމަ ދުވަހުގެ ހަވީރު...

09 Nov 2020 | 17:44

ރާއްޖޭގެ 67 ރަށުގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ސާމާނެވެ.

ހޯމަ ދުވަހުގެ ހަވީރު ގަަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސެލެންސީ ހަރްޝް ވަރްދަން ޝްރިންގްލާއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޝްރީ ސަންޖޭ ސުދީރު އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށްތަކަށް ޒިޔާރަތްކުރެއްވި ކަމަށާއި އެހެންނަމަވެސް މަދު ރަށެއްގައި މެނުވީ ކުޑަކުދިންނަށް އެ ކުދިން ހީ ސަމާސާކޮށް މަޖާކޮށްލެވޭނެ ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ.

އެހެންކަމުން މުޖުތަމައު ބާރުވެރިކުރުމުގެ ސިޔާސަތުތަކުގެ ދަށުން ރަށްރަށުގައި ޕާކްތައް ގާއިމްކުރެއްވުމަށް ނިންމައި އެމަސައްކަތް ފެއްޓެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަމާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިއީ ކުޑަކުޑަ ޕްރޮޖެކްޓެއް ކަމަށް ބަޔަކު ހީކޮށްފާނެ ކަމަށާއި އެހެން ނަމަވެސް މިއީ ޕާކް ބޭނުންވެފައި ތިބި ރަށްތަކުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޕްރޮޖެކްޓެއް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިޔަށް ގެންދާ މި ޕްރޮޖެކްޓާއެކު ރަށްރަށުގައި ތިބި އެތައް ހާސް ކުޑަކުދިންނެއްގެ ހުވަފެންތަކުގައި ކުލަ ޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އެކުވެރި ގައުމުކަމަށް ވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް