ސަސްޕެންޑުގައި ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

ސަސްޕެންޑުގައި ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ސިވިލް ސަރވިސް ކޮމިޝަނުން ޕަރމަނެންޓް ސެކްރެޓަ...

09 Nov 2020 | 10:57

ސަސްޕެންޑުގައި ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ސިވިލް ސަރވިސް ކޮމިޝަނުން ޕަރމަނެންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކޮށްފައި ވަނިކޮށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މި މަހުގެ 19 އާ ހަމައަށް އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އެންމެ ފުރަތަމަ ސޫޒަން ސަސްޕެންޑުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17ގައެވެ.

ސޫޒަންގެ ސަސްޕެންޝަނާއި ގުޅޭގޮތުން ސީއެސްސީ އިން ބުނީ ޕީއެސް ސަސްޕެންޑު ކުރީ ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކުރި މަސައްކަތްތަކާ ގުޅޭ އޮޑިޓް ރިޕޯޓާއި، އެ މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ޕީއެސްއާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހަށް އެޑްރެސްކޮށް ޓޫރިޒަމްގެ މުވައްޒަފުންގެ ފަރާތުން އެ މިނިސްޓްރީގެ ޕީއެސް އާއި މެދު ހުރި ޝަކުވާތައް ބަޔާންކޮށް ސިޓީއެއް ފޮނުވައިފައިވާ އިރު، އެ ސިޓީގައި ސޫޒަން ކިބައިގައި އެ މަގާމު އަދާ ކުރުމުގެ ގާބިލުކަން ހުރިކަމާމެދު ވަނީ ސުވާލު އުފައްދާފައެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމަތުތައް ސޫޒަންގެ ކިބައިގައި ނެތް ކަމަށާއި ޕީއެސްގެ މަސްއޫލިއްޔަތުތައްވެސް ސޫޒަން ފުރިހަމަ ނުކުރާ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް