އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް އެމެރިކާގެ އާ ރައީސް ފައްޓަވައިފި

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފައްޓަވައިފި އެވެ. ރައީސް ޖީ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހަރިސް ކުރިއަށް އޮތް 73 ދުވަސްތެރޭ ވައި...

09 Nov 2020 | 09:45

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފައްޓަވައިފި އެވެ.

ރައީސް ޖީ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހަރިސް ކުރިއަށް އޮތް 73 ދުވަސްތެރޭ ވައިޓް ހައުސް އަށް ވަޑައިގަންނަވަންޖެހޭ އިރު، ފުރަތަމަ މަސައްކަތަކީ ކޮވިޑް-19 އެޑްވައިޒަރީ ޓީމެއް އެކުލަވާލުމެވެ.

އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ކޮވިޑް-19 ގެ އެޑްވައިޒަރީ ޓީމު ހޯމަ ދުވަހު އިއުލާން ކުރާނެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ހިމެނޭ ވެބްސައިޓަކާއި ޓްވިޓަރ ފީޑުގައިވާ ގޮތުގައި ބައިޑަން އެންމެ އިސްކަމެއް ދެއްވާ ހަތަރު ކަމެއް ފާހަގަކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ކޮވިޑް-19، އިގްތިސާދު ކޮޅަށް ޖެހުން، ނަސްލީ ހަމަހަމަކަން ގާއިމްކުރުން އަދި މޫސުމަށް ބަދަލު އައުމުގެ މައްސަލަތައް ހިމެނެ އެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ބައިޑަން ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ދުވަހަކީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހެވެ.

ނޮވެމްބަރު 20 ވަނަ ދުވަހު 78 ވަނަ އުފަން ދުވަސް ފާހަގަކުރާ ބައިޑަން އަކީ އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރި އެންމެ އުމުރުން ދޮށީ ރައީސް އެވެ.

އުމުރުން 56 އަހަރުގެ ކެލިފޯނިއާ ސެނެޓަރު ހަރިސް އަކީ އެމެރިކާގެ ނައިބް ރައީސް ކަމަށް ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާގެ އިތުރުން ކަޅު ނަސްލުގެ ފުރަތަމަ އަންހެން ނައިބް ރައީސް އެވެ. އަދި އެއީ ސައުތު އޭޝިއާ އަށް ނިސްބަތްވާ ފުރަތަމަ ނައިބް ރައީސް ވެސް މެއެވެ.

ރިޔާސީ އިންތިޚާބުގައި ބައިޑަން 74.6 މިލިއަން ވޯޓު ހޯއްދެވި އިރު، ޓްރަމްޕަށް ލިބިވަޑައިގެންނެވީ 70.4 މިލިއަން ވޯޓެވެ. ބައިޑަން އަށް ރައީސްކަން ޔަގީންވެފައި ވަނީ 279 އިލެކްޓޯރަލް ކޮލެޖް ވޯޓާ އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް