ޓެކްސީތަކަށް ހާއްސަކޮށް ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް ބީއެމްއެލްއިން ތައާރަފުކޮށްފި

ޓެކްސީއަށް ފައިސާ ދެއްކުމަށް ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފި އެވެ. ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް މިއަދު ރަސްމީކޮށް ތައާރަފްކޮށްދެއްވީ މިނިސްޓާ އޮފް ...

09 Nov 2020 | 09:24

ޓެކްސީއަށް ފައިސާ ދެއްކުމަށް ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފި އެވެ.

ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް މިއަދު ރަސްމީކޮށް ތައާރަފްކޮށްދެއްވީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. ހިދުމަތް ތައާރަފްކޮށްދެއްވުމަށްފަހު މިނިސްޓާ ނަހުލާ އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ކޯވިޑުން ރައްކާތެރިވުމަށް ބޭނުންކުރެވޭ ހޭންޑް ސެނިޓައިޒަރ އާއި ފޭސް މާސްކް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާ ކުރައްވާފައެވެ.

ބީއެމްއެލްއިން ބުނީ މިއީ ބޭންކުގެ ހިދުމަތްތައް ޑިޖިޓަލްކުރުމަށާއި ނަގުދު ފައިސާ ނުގެންގުޅޭ މުޖްތަމައަކަށް ވާސިލުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފް ކުރެވުނު ހިދުމަތެއް ކަމަށެވެ. މި ހިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް މިހާރު ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނެއެވެ.

މި ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލް ފޯނުގައިވާ ނުވަތަ ޓެކްސީގައި ބަހައްޓާފައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޓެކްސީ ޑްރައިވަރުންނަށް ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ފޯރުކޮށްދީފައިވަނީ ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސް ޕޭމަންޓް ހިދުމަތް ދިނުމަށް ބޭންކުން ބޭނުންކުރަމުންދާ އެމްޕޮސް ހިދުމަތްތަކުގެ ތެރެއިން ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ފައިސާ ދެއްކުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ވަސީލަތުގެ އެހީގައި ކަސްޓަމަރުންނަށް ރައްކާތެރިކަމާ ފަސޭހަކަމާއެކު އަވަހަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ނަގުދު ފައިސާ ބޭނުންނުކޮށް ފައިސާގެ މުއާމަލާތްތައް ހިންގުން އާދައަކަށް ވެފައިވާ ދަނޑިވަޅެއްގައި، ފައިސާ ދެއްކުމުގެ ޒަމާނީ މި ހިދުމަތް ކަސްޓަމަރުންނާއި ޑްރައިވަރުންގެ މެދުގައި މަގްބޫލު ހިދުމަތަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ބީއެމްއެލް މޮބައިލްޕޭ އަކީ ކޮންމެތަނަކުންވެސް ތަކެތި ގަތުމަށްޓަކައި ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ބޭންކުގެ ޑިޖިޓަލް ވޮލެޓް އެޕްލިކޭޝަނެވެ. މި އެޕް އެޕަލް ސްޓޯ އިންނާއި ގޫގަލް ޕްލޭ ސްޓޯއިން ޑައުންލޯޑް ކުރެވޭނެއެވެ.

ބޭންކުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން ކަސްޓަމަރުން މިހާރު ބޭނުންކުރަމުންދާ ކާޑުތަކާ ޑިޖިޓަލް ވޮލެޓް މި އެޕުން ގުޅުވާލަދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް