ޖަލުން ބޭރުގައިވާ އާއިލާއާއެކު ގާތްގުޅުމެއް ބޭއްވުމަކީ ޤައިދީން ރީހެބިލިޓޭޓްކުރުމަށް ކުރާ މަސައްކަތަށް ވަރަށް މުހިއްމުކަމެއް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސަރވިސް (އެޓަމްސް) އީ-ސަރވިސް ޕޯޓަލްގެ ޓަރައިލް ވަރޝަން ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ މީގެ ކުރީގައި ޤައިދީންގެ އަތޮޅުތެރޭގައި ތިއްބަވާ އާއިލާތަކަށް ބައްދަލުވުންތަކަށް މާލޭގައި ހުރި ފަރާތެއްގެ އެހީތެރިކަމާނުލައި ރިކުއެސްޓްކުރަން ދަތި ކަމަށެވެ.
އެހެންނަމަވެސް، މި ޚިދުމަތް މެދުވެރިކޮށް އެފަރާތްތަކަށް އޮންލައިންކޮށް ކޮންމެ ތާކު ތިއްބަވައިގެންވެސް ރިކުއެސްޓް ކުރެވިދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ އީ-ސަރވިސް ޕޯޓަލް ތައާރަފްކުރުމުން އާންމުންނަށް އެމްސީއެސްގެ ޚިދުމަތްތައް ހޯދުމަށް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހަކަމަކަށް ވެގެންދާނެ ކަމަށެވެ. އަދި މުވައްޒަފުންގެ މަސައްކަތް މިހާރަށް ވުރެ އެފިޝަންޓްވެ، މަސައްކަތް އަވަސްވެގެންދާނެ ކަމަށެވެ.
އެ ޕޯޓަލް އާއެކު މީގެކުރިން މެނުއަލްކޮށް ފުރަމުން ގެންދިޔަ ފޯމްތައް އޮންލައިކޮށް ފުރައި, އުނދަގުލެއް ނެތި ގައިދީންނާ ބައްދަލުކުރުމަށް އެދުމަށް ހުށަހެޅޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް