ސަލްޓަންސް އޮޮފް ސީސް ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖެއަށް އެތެރެ ކުރި ދެ ލޯންޗެއްގެ މައުލޫމާތު އޮޅުވާލައި ކަސްޓަމް ޑިއުޓީއަށް މަކަރު ހެދި މައްސަލައިގައި 110.2 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން ސަލްޓަން ކުންފުންޏާ ދެކޮޅަށް އެ ހުކުމް ކުރީ ހައި ކޯޓުގެ އަމުރުގެ ބާތިލް ކުރުމަށްފަހު އެވެ. ހައި ކޯޓުން އަމުރު ކޮށްފައިވަނީ 110.2 މިލިއަން ރުފިޔާ ސަލްޓަން ކުންފުނިން ދައުލަތަށް ދައްކަން ނުޖެހޭ ކަމަށެވެ.
ކަސްޓަމްއިން ވަނީ ވަނަ 2009 އަހަރު ސަލްޓަން ކުންފުނި ޖޫރިމާނާކޮށް ދެ ލޯންޗުގެ ޖޫރިމާނާއަށްވާ 56،634،917.33 ރުފިޔާ އާއި ޑިއުޓީ އަށް އިތުރަށް ދައްކަންޖެހޭ 53،607،495.63 ރުފިޔާ އާ އެކު ޖުމްލަ 110،242،413.01 ރުފިޔާ ތިން ދުވަހުގެ ތެރޭގައި ކަސްޓަމްސް އަށް ދައްކަން އެންގި އެ ފައިސާ ސަލްޓަން އިން ކަސްޓަމަށް ދައްކާފައެއް ނުވެ އެވެ.
ސަލްޓަންއިން ފައިސާ ނުދެއްކުމުން ކަސްޓަމްއިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ސިވިލް ކޯޓުން ނިންމީ ސަލްޓަން ކުންފުނިން ކަސްޓަމަށް އެ ފައިސާ ދައްކަން ޖެހޭ ކަމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން ސަލްޓަން އިން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލްކޮށް ސަލްޓަންއިން ކަސްޓަމަށް ފައިސާ ދައްކަން ނުޖެހޭ ކަމަށް އަމުރުކޮށްފަ އެވެ.
ހައި ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުން 2011 ވަނަ އަހަރު ސަލްޓަން ކުންފުންޏާ އެއްކޮޅަށް ކުރި ބާތިލްކޮށް އެއީ ދައްކަން ޖެހޭ ފައިސާ ކަމަށް ހުކުމް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ސަލްޓަންއާ ދެކޮޅަށް މިއަދު ކުރި ހުކުމަކީ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމެކެވެ. މައްސަލަ ބެއްލެވީ ގާޒީ މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ފަނޑިޔާރު އަލީގެ ރައުޔު އަށް އަނެއް ދެ ފަނޑިޔާރުން ވެސް ތާއީދުކުރެއްވި އެވެ.
އަލީ ރަޝީދު އިންނަވައި އިއްވެވި ހުކުމުގައި ވަނީ ސަލްޓަންސް އިން ދެ އުޅަނދުގެ ބްރޭންޑާއި އަގު އޮޅުވާލިކަން ކަސްޓަމްސްގެ ހޯދުންތަކުން އެނގިފައިވާކަން ފާހަގަކޮށްފަ އެވެ އެވެ. އަދި ސަލްޓަސް އިން، އެ ދެ އުޅަނދަކީ ހަ އަހަރު ބޭނުންކޮށްފައިވާ ބާ އުޅަނދުތަކެއް ކަމަށް ބުންޏަސް އެއީ ދޮގެއްކަން ހުކުމުގައި ވަނީ ބުނެފަ އެވެ.
ސަލްޓަން އޮފް ސީ އަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑިއާރްޕީ) ކުރީގެ ލީޑަރު އަހުމަދު ތަސްމީނުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް