އާސަަންދަ ބޭނުންކޮށްގެން ބަޔަކު ދަނީ ކެނޑިނޭޅި ނާޖާއިޒު ފައިދާ ހޯދަމުން ކަމަށާއި، އެކަމުގެ ސަބަބުން އާސަންދައަކީ ދައުލަތަށް އޮތް ބޮޑު ބުރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އާސަންދަ ތައާރަފްކުރީ އިންޝުއަރެންސް ސްކީމެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް މިހާރު އެ ސްކީމް ހިނގަމުން އަންނަނީ އިންޝުއަރެންސް އުސޫލުން ނޫން ކަމަށެވެ. އަދި ވިދާޅުވީ މަސް ދެ މަސް ދުވަހުގެ ބޭސް ލިޔެދިނުމަކީ މިހާރު ޑޮކްޓަރުން އާއްމުކޮށް ކުރާ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އިންތިހާ އަށް ގިނަ ޓެސްޓްތައް ވެސް ހައްދުވާ ކަމަށެވެ. އެކަންތަކާ ހެދި އާސަންދަ އިން ދޭ ފަރުވާގެ ބިލު އެތައް ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
އިންޓަވަލްއަށް ޖަލަސް މެދުކަނޑައިލައްވަމުން ނަޝީދު އިތުރަށް ވިދާޅުވީ، އާސަންދައިގެ ތެރެއިން ބަޔަކު ނާޖާއިޒު ފައިދާ ނަގަނީ މަޖިލީހުން އެކަމަށް ފާރަވެރި ނުވާތީ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން އާސަންދައަށް އަހަރަކު ދެ ބިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ.
އާސަންދައިގެ ބޭނުމަކީ، ބަލިވާ މީހުންނަށްް އަދި ވަކިން ހާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަންޖެހޭ ނިކަމެތި މީހުންނަށް ފަރުވާ ކުރެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ގިނައިން ބޭސްދޫކުރުމާއި ޓެސްޓުތައް ގިނައިން ހެއްދުން ފަދަ ކަންތައްތަށް ކުރަން އޮންނަ ނިޒާމެއް ނޫން ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް