ކަނޑިންމަ ރިސޯޓު ހިންގުމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފި

ދ. ކަނޑިންމަ ރިސޯޓު ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ. މިގޮތަށް ނިންމީ އެ ރިސޯޓުގެ މުވައްޒަފަކު ކޯވިޑް-19 ޖެހިގެން މަރުވުމާއި ގިނަ އަދަދެއްގެ މުވައ...

09 Nov 2020 | 08:10

ދ. ކަނޑިންމަ ރިސޯޓު ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

މިގޮތަށް ނިންމީ އެ ރިސޯޓުގެ މުވައްޒަފަކު ކޯވިޑް-19 ޖެހިގެން މަރުވުމާއި ގިނަ އަދަދެއްގެ މުވައްޒަފުން ކޯވިޑަށް ޕޮސިޓިވްވެފައިވާ މައްސަލައިގަ އެވެ. ކޯވިޑް ޖެހިގެން މަރުވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ އުމުރުން 60 އަހަރުގެ އިބްރާހިމް ނަސީރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ހިފެހެއްޓީ ކޮވިޑުގެ ހާލަތުގައި ރިސޯޓުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ދޫކޮށްފައިވާ ހުއްދަ އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މި ހާލަތުގައި ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދީފައިވާ ނުވަތަ އޮޕަރޭޝަންސް ފަށާފައިވާ ރިސޯޓުތަކުގެ ލިސްޓުން ކަނޑިންމަ އުނިކޮށްފައި އެވެ.

ނަސީރު މަރުވީ ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަކަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވީ ހުން އައިސްގެން އިތުރު ފަރުވާއަށް މާލެއަށް ނުވަތަ ރަށަށް ފޮނުވައިދޭން މެނޭޖްމެންޓުގައި އެދުނުތާ 10 ދުވަސް ފަހުންނެވެ.

ނަސީރުގެ ފަރުވާއަށް ރިސޯޓުން ބޭރަށް ފުރުމުގެ ހުއްދަ ދީފައި ނުވާއިރު ހާލު ސީރިއަސްވުމާއި ހަމައަށް އޭނާ ބޭނުން ކުރަމުން ދިޔައީ ރިސޯޓު ކްލިނިކުން ދިން ބޭހެވެ. މަރުވުމުގެ ދެ ދުވަސް ކުރިން އޭނާ ވަނީ ކޯވިޑްގެ އަލާމާތްތައް ކަމަށްވާ ވަސް ނުދުވުމާއި ރަހަ ނުލުމުގެ މައްސަލަ ދިމާވެގެންވެސް ރިސޯޓު ޑޮކްޓަރަށް ދައްކާފައި އެވެ

މި މައްސަލައިގަ އެޗްއީއޯސީގެ ޓީމެއް އެ ރިސޯޓަށް ގޮސް ކަން ހިނގާދިޔަ ގޮތް އޮޅުން ފިލުމަށް ފަހު މާލެ އައިސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ރިޕޯޓެއް ހުށަހެޅި އެވެ. އެ ރިޕޯޓާއި ގުޅިގެން އެ ރިސޯޓުގެ މައްސަލަ ބެލުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ ފުލުހުންނަށް ހުށަހަޅާފައި އެވެ.

މި މައްސަލައިގަ ކަނޑިންމައަށް މީހުން އަރައި ފޭބުން މަނާކޮށް ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ. އެޗްއީއޯސީން ބުނީ ނަސީރުގެ މަރާއި ގުޅިގެން އެ ސެންޓަރާއި ދ. އަތޮޅު ހޮސްޕިޓަލްގެ މެޑިކަލް ޓީމަކުން އެ ރިސޯޓުގެ ހުރިހާ މުވަައްޒަފުން ކޯވިޑަށް ޓެސްޓު ކުރަން ވަނީ ފަށާފައި އެވެ.

މިހާތަން އެ ރިސޯޓުން 60 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 59 މީހުންނަކީ މުވައްޒަފުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް