މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މައްސަލަތަކުގެ ޝަރީއަތްތައް ލައިވް ކޮށް ކުރިއަށް ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ޝާމީމް މިއަދު ވިދާޅުވީ، އެމްއެމްޕީއާސީގެ މައްސަލަތަށް ލައިވްކުރުމަށް އެދި ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެގޮތަށް އެދިވަޑައިގަންނަވަން ޖެހުނީ އެމްއެމްޕީއާރްސީ މައްސަލައިގެ ޝަރީއަތްތަކަކީ ދެފުށް ފެންނަ ގޮތަށް ހިނގާކަމެއްކަން ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގެ ޝަރީއަތްތަކަށް ޝަމީމާއި ޖުޑީޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކު ޝަމީމި ވިދާޅުވަނީ އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް ނެތް ކަމަށާއި، ދައުވާކުރަން ފޮނުވަނީ ލިބިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އަދި ވަކި މީހަކަށް ނުވަތަށް ބަޔަކަށް ޓާގެޓް ކޮށްގެން ދައުވާކުރަން ނުފޮނުވާ ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފަ އެެވެ.
އެހެންކަމުން ޝަރީއަތް ލައިވްކުރަން ޝަމީމު އެދުނީ އޭނާއަށް ކުރެވޭ ތުހުމަތަކީ ދޮގު ތުހުމަތެއްކަން ސާބިތުކޮށް ދިނުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ބެލެވެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ވަނީ ދައުވާތަކެއް އުފުލާފަ އެވެ. އޭގެ ބައެެއް ދައުވާއެއް ސާބިތުވެ އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލައިގައި އިސްތިއުނާފީ އަޑުއެހުމަށް ޝަމީމު އާއި ޖޭއެސްސީ މެދުވެރިކޮށް ވަރަށް ގަދައަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅުން ބުނެ އެވެ.
އަދި ޔާމީން ގެއަށް ބަދަލު ކުރުމުގެ އަމުރު ކޯޓުން ނުކުރަނީ ވެސް ޖޭއެސްސީގެ ނުފޫޒުގެ ސަބަބުން ކަމަށް އިދިކޮޅުން ދެކެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް