ޖައިލަމް މަރުގެ މައްސަލައިގައި ހެކިވެރިޔާ ހާޒިރުކުރަން ދައުލަތަށް ފަހު ފުރުސަތު ދީފި

ދެހާސް ފަނަރަ ވަނަ އަހަރު ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެންޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރު މަރާލި މައްސަލައިގައި ދައުވާ ލިބޭ މީހުނާ ދެކޮޅަށް ހެކި ހުށަހެޅުމުގެ ފަހު ފުރުސަތު ކޯޓުން ދައުލަތަށް...

09 Nov 2020 | 07:34

ދެހާސް ފަނަރަ ވަނަ އަހަރު ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެންޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރު މަރާލި މައްސަލައިގައި ދައުވާ ލިބޭ މީހުނާ ދެކޮޅަށް ހެކި ހުށަހެޅުމުގެ ފަހު ފުރުސަތު ކޯޓުން ދައުލަތަށް ދީފި އެވެ.

ޖައިލަމް މަރާލީ 2015 އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު އެވެ. ޖައިލަމް މަރުވެފައި ވަނީ އޭނާގެ ގެ ކައިރީގައި ހުއްޓައި ދެ ސައިކަލްގައި ދިޔަ ތިން މީހުންގެ ތެރެއިން އެކަކު ޖައިލަމަށް ވަޅިން ދިން ހަމަލާގެ ސަބަބުންނެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން އެގޭ ގޮތުގައި ޖައިލަމްގެ ހަށިގަނޑުގެ 12 ތަަނަކަށް ވަނީ ވަޅިން ހަމަލާދީފަ އެވެ

އެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ އުފުލުފާ އެވެ. އެއީ ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން، ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދު، ސ. ފޭދޫ، ވީނަސް ވިލާ ނަސީބު ސައީދު އަދި ވ. ސިނަމާލެ އިސްމާއިލް އަނީގުގެ މައްޗަށެވެ.

ދައުލަތުން ވަނީ ޖައިލަމްގެ މަރާ ގުޅިގެން ހަތް ސިއްރު ހެކިވެރިއެއްގެ ހެކި ބަސް ނަގަން ހުށަހަޅައިފަ އެވެ. އެ ހަތް ހެކިވެރިންގެ ތެރެއިން ގިނަ ހެކިވެރިންގެ ހެކިބަސް ވަނީ ނިމިފަ އެވެ. އެއިން އެކަކު 2017 ވަނަ އަހަރު ދިން ހެކި ހެކިބަސް ކްރިމިނަލް ކޯޓުން ގަބޫލުއް ނުކުރެ އެވެ. އެއީ އޭނާ ހެކިބަސް ދިން ވަގުތު މަސްތުގެ ހާލަތުގައި ހުރުމުގެ ސަބަބުންނެވެ.

އެ މަރާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިންގެ ހެކިބަސް ނެގުމެވެ. މިއަދުގެ އަޑު އެހުމުގައި ދައުލަތުން ވިދާޅުވީ، ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ކަރަންޓީނުގެ ކަންކަން ހުރި ގޮތުން އެ ހެކިވެރިޔާ ހާޒިރު ކުރެވެން ނެތް ކަމަށެވެ. އަދި ވިދާޅުވީ ހާޒިރު ނުކުރެވެނީ ކީއްވެކަން ހާމަކޮށްފިއްޔާ ސިއްރު ހެކިވެރިޔާއަކީ ކާކުކަން ޖައިލަމް މަރުގެ ދައުވާ ލިބޭ މީހުންނަށް އެގޭނެ ކަމަށެވެ. އެހެންކަމުން ހާޒިރު ނުކުރެވުނު ސަބަބު ތަފްސީލު ކޮށްދެވެން ނެތްކަމަށް ދައުލަތުން ވިދާޅުވި އެވެ.

ނަމަވެސް ބައްލަވާ ފަނޑިޔާރު އިސްމާއީލް ރަޝީދު ވަނީ ދައުލަތުގެ ވާހަކަތަކަށް ދެކޮޅު ހަދައިފަ އެވެ. ފަނޑިޔާރު އިސްމާއީލް ރަޝީދު ވިދާޅުވީ، ކޮވިޑުގެ ހާލަތަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހުއްޖަތެއް ނޫން ކަމަށާއި ކަރަންޓީނުގެ މުއްދަތު އުވާލާނެ ދުވަހެއް މި ހާލަތުގައި ނޭނގޭނެ ކަމަށެވެ. އެހެން ކަމުން ވީއެންމެ އަވަހަކަށް މި ހެކި ހާޒިރު ކުރެވޭނެ ދުވަހެއް ޝަރީއަތަށް އަންގަން ފަނޑިޔާރު ވަނީ ދައުލަތަށް އަންގައި މިއަދުގެ އަޑުއެހުމަށް ހެކިވެރިޔާ ހާޒިރު ނުކުރެވުނު ސަބަބު ލިޔުމުން ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ފަނޑިޔާރު އިސްމާއީލް ރަޝީދުގެ ވާހަކަފުޅަށް ފަހު ޖައިލަމް މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުންނަށް ވަނީ ފުރުސަތު ދީފަ އެވެ. އެ ފުރުސަތުގައި ދިފާއުން އެދުނީ ވީހާވެސް އަވަހަކަށް މައްސަލަ ނިންމައި ދިނުމަށެވެ. އަދި އެއީ ޖައިލަމް މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދުގައި ތިބޭތާ މިހާރު ހަ އަހަރު ވުމުން ކަމަށެވެ. އަދި މިއަދު ކޯޓަށް ހާޒިރު ނުކުރެވެނު ސިއްރު ހެކިވެރިޔާގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދިޔުމަށް ވެސް ދިފާއުން ވަނީ އެދިފަ އެވެ.

ދިފާއުގެ ވާހަކަތަކަށް ރައްދު ދެއްވާ ފަނޑިޔާރު އިސްމާއީލް ރަޝީދު ވިދާޅުވީ، އެ ސިއްރު ހެކިވެރިޔާގެ ހެކި ބަހަކީ މައްސަލައިގައި ހުކުމް އިއްވާއިރު ވަރަށް މުހިންމުވާނެ ހެކިބަހެއް ކަމަށެވެ. އަދި ހެކިވެެރިޔާ ހާޒިރުކުރެވޭނެ ތާރީހެއް ކޯޓަށް ހަތް ދުވަސް ތެރޭގައި ދައުލަތުން އަންގަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއަށް ޖަވާބު ދެއްވާ ދައުލަތުން ވިދާޅުވީ، ފުލުހުންނާ ގުޅިގެން ހެކިވެރިޔާ ހާޒިރު ކުރުމުގެ ކަންތައް ކުރިއަށް ދާނެ ކަމަށެވެ.

ޖައިލަމް މަރުގެ މައްސަލައިގައި ދައުވާ ލިބޭ އެންމެން ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. ޖައިލަމަށް ތޫނު އެއްޗަކުން ހަމަލާދިނީ ދައުވާ ލިބޭ މީހުންގެ ތެރެއިނު ޖައިލަމް ކައިރިއަޑް ދިޔަ ހުމެއިދު އެވެ. އަދި ހުމައިދު ވަޅިން ޖައިލަމަށް ހަމަލާދިން އިރު، ކައިރީގައި ހުރި އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމް ގައިގައި ދިޔައީ ތަޅަމުންނެވެ. އަދި ނަސީބު ސައީދު އާއި އަލީ އިރުފާން ޖައިލަމަށް ހަމަލާދިން މީހުން ފިލުވަން މަސައްކަތްކޮށްފަ އެވެ.

ކްރިމަލް ކޯޓުން މީގެ ކުރިން ވަނީ ޖައިލަމް މަރުގެ މައްސަލާގައި ދައުވާ ލިބޭ ތިން މީހުން ވަނީ ދޫކޮށްލާފަ އެވެ. އެހެން ނަމަވެސް ހެކިންނަށް ބިރު ދައްކައި ނުފޫޒު ފޯރުވަމުންދާތީ މި މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް