އަންނަ އަހަރުން ފެށިގެން ވިޔަފާރިތަކުން ސަރުކާރު ހިއްސާ ކުޑަކޮށް ވީހާވެސް ބޮޑަކަށް ވިޔަފާރިތަށް ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ ބަޖެޓު ހުށަހަޅައިދެމުން އަމީރު ވިދާޅުވީ، ވިޔަފާރިތަކުން ސަރުކާރު ހިއްސާ ކުޑަކަށް ޕްރައިވެޓައިޒް ކުރަނީ ދައުލަތަށް އާމްދަނީ އިތުރުކުރަން ކަމަށެވެ. އަދި ކުންފުނިތަކުން ސަރުކާރު ހިއްސާ ކުޑަކުރުމުން ކުންފުނިތަކަށް ރަނގަޅު ފައިދާއެއް ލިބި އިގްތިސޯދު ތެރޭގައި ފައިސާ ދައުރުވާ މިންވަރު އިތުރުވާނެ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަމުން އަންނަނީ ޕްރައިވެޓް ކުންފުނިތަކުންނެވެ. އަދި ރާއްޖޭގެ ސްޓޮކް މާކެޓުގައި ލިސްޓު ކުރެވިފައި ވަނީ ވެސް އެ ކުންފުނިތަކެވެ.
އެހެންކަމުން ކުންފުނިތައް ލިސްޓުކުރުމާއި، ސްޓްރެޓިޖިކް ޕާޓްނަރުން ހޯދުމާއި، ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޕްލޭންތައް ބަޖެޓުގައި ހިމަނާފައިވާއިރު، އެކަމުން 462.6 މިލިއަން ރުފިޔާ އަންނަ އަހަރުގެ އާމްދަނީއަށް އިތުރުވާނެކަމަށް ލަފާކުރެވެ ކަމަށް އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށް 300 މިލިއަން ޑޮލަރުގެ އިސްލާމިކް ސުކޫކާއެކު 100 މިލިއަން ޑޮލަރުގެ ގްރީން ބޮންޑެއް ވިއްކުމަށް މަސައްކަތް ވެސް ސަރުކާރުން ކުރާނެ އެވެ. އަދި އެކުވެރި ގައުމުތަކުންނާއި މާލީ އިދާރާތަށް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ބަޖެޓުގައި ވަނީ ރާވައިފަ އެވެ.
މިއަދު މަޖިލީހަށް ހުށަހަޅލި ބަޖެޓު ދިރާސާކުރަން މާލިއްޔަތު ކޮމިޓީއާ އިގްތިސޯދީ ކޮމިޓީ ގުޅިގެން އުފައްދާ ސަބްކޮމިޓީއަކަށް ފޮނުވާނެ އެވެ. އެ ކޮމިޓީން ބަޖެޓް ދިރާސާކުރާއިރު ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.
ބަޖެޓާއި ގުޅޭ ގޮތުން މަޖިލީހުގައި ބަހަސް ކުރާނީ މިމަހު 16 ވަނަ ދުވަހު އެވެ. އެ ބަހުސްގައި ދާއިރާގެ މެމްބަރުން ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަމަށް އިޝާރާތްކުރައްވާ އެކަމަށް ބަހުސް ކުރައްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް