އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ބަޖެޓު މަޖިލީހަށް ހުށަހަޅައި ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށްވުރެ ތިން ގުނަ ބޮޑު ބަޖެޓެކެވެ.
އަންނަ އަހަރުގެ ބަޖެޓަކީވެސް ޑެފިސިޓް ބަޖެޓެކެވެ. އެގޮތުން 15.5 ބިލިއަން ރުފިޔާ ބަޖެޓް ޑެފިސިޓްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ.
ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓު ރޭވިފައިވާނީ ކޯވިޑް-19 ގެ އިގްތިސާދީ އަދި އިޖުތިމާއީ ގެއްލުންތަކުން ވީހާވެސް އަވަހަކަށް އަރައިގަނެވޭނެ ގޮތެއް ބަލައިގެން ކަމަށެވެ. އަދި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ އެންމެ މުހިއްމު ސިޔާސަތުތައް ތަންފީޒުކުރުމަށް އިސްކަން ދީފަައިވާނެ ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ތަރައްގީ އާއި ހިދުމަތްތައް ލާމަރުކަޒުކުރުމާއި، ސަރަހައްދީ ތަރައްގީ ގެނައުމަށް އިންވެސްޓު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އަލުން އަރާސްތުކޮށް، އިގްތިސާދު ކުރިއަރުވަން ބަޖެޓުން ހަރަދުތަކެއް ކުރަން ނިންމާފައިވާ ކަމަށާއި ކޯވިޑް-19 އާ އެކު، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ބަޖެޓު މެދުވެރިކޮށް ހައްލު ލިބޭނެ ކަމަށެވެ.
މިއަހަރުގެ ބަޖެޓުގައި އިސްކަން ދީފައިވާ މުހިންމު ދާއިރާތަށް:
- ސިއްހީ ދާއިރާ: 4 ބިލިއަން ރުފިޔާ
- އިޖުތިމާއީ ރައްކާތެރިކަން: 3.7 ބިލިއަން ރުފިޔާ
- އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ޚަރަދު: 7 ބިލިއަން ރުފިޔާ
- ގެދޮރު އިމާރާތް ކުރުމާއި މުޖުތަމައުގެ ފައިދާއަށް ދޭ ހިދުމަތްތައް: 2.3 ބިލިއަން ރުފިޔާ
- ތައުލީމީ ދާއިރާ: 3.95 ބިލިއަން ރުފިޔާ
- ތިމާވެށި ރައްކާތެރި ކުރުން: 1.9 ބިލިއަން ރުފިޔާ
- ދިފާއީ ކަންތައްތައް ބެލެހެއްޓުން އަދި އަދުލު އިންސާފާއި އަމަންއަމާންކަން ގާއިމްކުރުން: 4.2 ބިލިއަން ރުފިޔާ
އަންނަ އަހަރު ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ މުހިންމު ތިން ދާއިރާއަކީ ޓެކުހާއި، ޓެކްސް ނޫން އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ލިބޭޭ އާމްދަނީ އެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 5.75 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، އިގްތިސޯދީ ގޮތުން މިހާރު ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އަދި ޖީޑީޕީ ވަރަށް ބޮޑަށް ވެއްޓޭނެ އެވެ.
އެހެންވެ އަންނަ އަހަރުގެ ބަޖެޓުގައި އާ ހަ ކަމެއް ކުރުމަށް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެލެކޮމް ލައިސަންސް ފީއަށް ބަދަލު ގެނައުން، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި އެއާޕޯޓު ސާވިސް ޗާޖަށް ބަދަލު ގެނައުން، ޓޫރިޒަމަށް ބިން ދޫކުރުން، މާލެ ސަރަހައްދުގެ ޕާކިން ފީ، ރިއަލް އެސްޓޭޓް ޓޫރިޒަމް އަދި ދިވެހިންނަށް ބިން ވިއްކުމެވެ..
ބަޖެޓު މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު އަމީރު ވިދާޅުވީ ބަޖެޓަށް އެއްވެސް ބަދަލުތަކެއް ނުގެނެސް މިހާރު އޮތްގޮތަށް ފާސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންނަވާ ކަމަށެވެ.
ބަޖެޓު މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓު ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއާ އިގްތިސޯދީ ކޮމިޓީ ގުޅިގެން އުުފައްދާ ސަބް ކޮމިޓީއަކަށް މިއަދު ފޮނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް