އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލާއި މެންޗަސްޓަރ ސިޓީ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ލިވަޕޫލާއި ސިޓީގެ ކުރިމަތިލުން އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލަނޑު ޖަހާ ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ ތަރި މުހަންމަދު ސަލާހުއެވެ. މިއީ ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭއަށް ސިޓީގެ ޑިފެންޑަރު ކައިލް ވޯކަރ އޭރިއާތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 31 ވަނަ މިނެޓުގައި ކެވިން ޑިބްރުއިނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގެބްރިއެލް ޖީސަސްއެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް ސިޓީއަށް ވަނީ ނަތީޖާ އަނބުރާލުމަށް ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެއީ އޭރިއާތެރެއިން ލިވަޕޫލްގެ ޖޯސެފް ގޮމޭޒްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އެވެ. ނަމަވެސް ކެވިން ޑިބްރުއިނޭ ފޮނުވާލި މި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މި ނަތީޖާތަކާއެކު މިވަގުތު ލިވަޕޫލަށް އޮތީ 17 ޕޮއިންޓާއި އެކު ތާވަލުގެ ތިންވަނައިގައެވެ. ސިޓީ އެއް މެޗު މަދުންކުޅެ ލިބިފައިވާ 12 ޕޮއިންޓާއެކު އޮތީ ތާވަލުގެ އެގާރަވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 18 ޕޮއިންޓާއި އެކު ލެސްޓަރ ސިޓީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް