މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރުޤްޔާގެ ނަމުގައި މަހާނަ ކޮނުމަކީ ޙަރާމް ކަމެއްކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަނދާން ކޮށްދެއްވައިފި އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޝަރުޢީ ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ކޮނެ ސިހުރު ހޯދުމުގެ ޢަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުންދާ ކަން ސަމާލުކަމަށް އައިސްފައިވާ ދުވަސްކޮޅެއްގައި އެވެ.
މިނިސްޓަރު ސޯޝަލް މީޑިއާގައި ވިދާޅުވީ ޤުރްއާނާއި ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤްޔާގެ ތެރޭގައި ޤަބުރުސްތާނާ ގުޅުން ހުރި އެއްވެސް ކަމެއް ނުހިމެނޭ ކަމަށެވެ. ޝަރުޢީ ރުޤްޔާގެ ގޮތުގައި ދީނުގައި ކަނޑައެޅިފައި އޮންނަނީ ބަލިމީހާއަށް ޝިފާއަށް އެދިގެން ޤުރުއާން ކިޔަވައި ގަޔަށް ފުމުމާއި، ފެނަށް ކިޔަވައި އެ ފެން ބޯން ދިނުމާއި، ސުންނަތުން ސާބިތުވެފައިވާ ދުޢާތައް ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އެނޫން ކަންކަމުގެ ބޭރުން ރުޤްޔާގެ ނަމުގައި ހިންގާ ޢަމަލުތައް ވާނީ ޝަރީޢަތާ ޚިލާފު ކަންކަމަށެވެ.
ފަހަކަށް އައިސް ބައެއް ފަރާތްތަކުން ރުޤްޔާ ކުރުމުގެ ނަމުގައި ދީނީ ގޮތުން ހުއްދަ ނޫން ތަފާތު ޢަމަލުތައް ހިންގަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިފަދަ ކަންކަމުން ރައްކާތެރިވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ.
މިނިސްޓަރު ވިދާޅުވީ ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ ކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދި ދުޢާކުރުމާއި ބޭސްފަރުވާ ހޯދުން ފަދަ ސަބަބުތަކުގައި ހިފުމަކީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތް ކަމަށް ވެސް ވަނީ ހަނދާންކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް