މިއަދު ހުކުރު ނަމާދުގައި އިއްވުނު ޚުތުބާއަށް ގިނަ ބައެއްގެ ތަޢުރީފް އޮހެނީ

މިއަދުގެ ޙުކުރު ނަމާދުގައި އިއްވުނު ޙުކުރު ޚުތުބާއަށް ގިނަ ދިވެހިންގެ ތަޢުރީފް އޮހެމުން އެބަދެއެވެ. މިއަދުގެ ޙުތުބާ އަޑުއެހި އެންމެންވެސް ބުނާގޮތުގައި މިއަދުގެ ޙުކުރު ނަމާދުގައި އިއްވުނު ޙުތުބާއަކީ ވަ...

09 Oct 2020 | 15:58

މިއަދުގެ ޙުކުރު ނަމާދުގައި އިއްވުނު ޙުކުރު ޚުތުބާއަށް ގިނަ ދިވެހިންގެ ތަޢުރީފް އޮހެމުން އެބަދެއެވެ.

މިއަދުގެ ޙުތުބާ އަޑުއެހި އެންމެންވެސް ބުނާގޮތުގައި މިއަދުގެ ޙުކުރު ނަމާދުގައި އިއްވުނު ޙުތުބާއަކީ ވަރަށް ޝައުގުވެރިކަމާއި އެކު އަޑު އަހާލެވުނު އަސަރުން ފުރިގެންވާ ޙުތުބާއެއް ކަމަށެވެ.

އެގޮތުން މިއަދުގެ ޙުތުބާއާއި ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކުން ވެސް މިކަން ހާމަވެގެން ދެއެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކަށް ބަލާއިރު، މިއަދުގެ ޙުތުބާ އަޑުއަހާފައި ކުރި އަސަރުން ފެންކަޅިވިކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އަދި އެއީ މި އަހަރުވެސް އިވިގެންދިޔަ އެންމެ ފުރިހަމަ ހުތުބާކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

މިއަދުގެ ޙުކުރު ޙުތުބާ ޚާއްސަކޮށްފައިވަނީ އުމުރުން ދުވަސް މީހުންނަށް ކަމޭ ހިތާ އަޅާލާ އޯގާތެރި ވުމާއި ބެހޭގޮތުންނެވެ.

ޙުތުބާގައި ވިދާޅުވީ ބޮޑެތި މީހުންނަށް އިހްތިރާމް ކުރުމަކީ އިސްލާމީ މަތިވެރި އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އަދި އެއީ ހަމަ އެކަނި ރީތި އާދައަކާއި ސުލޫކެއް ނޫން ކަމަށެވެ.  އެހެނެއްކަމަކު، އެއީ އިސްލާމީ އަދަބެއް ކަމުގައިވެސް ހުތުބާގައި ބުނެފައި ވެއެވެ. މިކަމަކީ ދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށާއި މިކަމުގެ ޒިންމާ ޒުވާން ޖީލުތަކުގެ ބޮލުގައި އަޅުއްވާފައިވާ ކަމަށް ވެސް ހުތުބާގައި ފާޙަގަ ކޮށްފައިވެއެވެ.

ހުތުބާގައި އިތުރަށް ފާހަ ގަ ކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކޮށް، މަލާމާތްކޮށް އުޅުމަކީ މަދުން ނަމަވެސް މުޖުތަމައުން ފެންނަމުންދާ ހިތާމަވެރި މަންޒަރެއް ކަމަށާއި އަދި އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެގޮތުން ހުތުބާގައި ބުނެފައިވަނީ، ތިމާމެން އަރާމު ތަންމަތީގައި، ފިނި ކޮޓަރި ތަކުގައި، ނިދާއިރު އެ ތަނަވަސްކަމާއި މުއްސަނދިކަން ހޯދައިދިނުމަށް މަސައްކަތްކުރި އުމުރުން ދުވަސްވެފައިވާ މައިންބަފައިން، ވައިރޯޅީގެ ފިނިކަމެއް ނެތް ހުރަގެ ތަކުގައި ގެންގުޅޭ ކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. އަދި އުމުުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް އެމީހުންނަށް ނޭނގި ބޭނުން ކުރާ މަންޒަރުވެސް ފެންނަ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

އިތުރަށް ޙުތުބާގައި ވިދާޅުވީ ކޮންމެ މީހަކުވެސް ދުނިޔޭގައި ހުރެއްޖެ ނަމަ އުމުުރުން ދުވަސްވެ ގައިބާރު ދޫވެ މުސްކުޅިވާނެ ކަން ހަނދާންކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ދުނިޔޭގައި ހުރި ކޮންމެ މީހަކަށް ވެސް މުސްކުޅިބެ ގައިބާރު ދެރަބުމުން ކުތިމަތިލާން ޖެހޭނެ ކަމެއްކަމުގައި ވާއިރު، އެކަން ވިސްނާ އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ ކަމޭހިތުމަށް މިއަދުގެ ޙުކިރު ހުތުބާގައި ގޮވާލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް