ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމަކާ ނުލައި މިއަދު ބޮންޑާ ދޫކޮށްލައިފި އެވެ.
ބޮންޑާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އައްޑޫގައި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) އާއެކު 14 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި 23 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެނުން ހިމެނޭ އިރު، ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ވަނީ އަމުރުކށްފަ އެވެ. އަދި ދެން ތިބި ގިނަ މީހުންގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.
ބޮންޑާގެ ބަންދަށް ޖެހި ފަސް ދުވަސް ހަމަވީ މިއަދަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖަންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަނެކެވެ. އަދި މިއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު މިހާރުވާނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރި ގުޅުން އޮޅުންފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ހިއްސާކޮށްފައި ކަމަށެވެ.
މީގެއިތުރުން މި އޮޕަރޭޝަންގެ ދަށުން އައްޑޫގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ފުލުހުން ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް