ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މި އޮކްޓޯބަރ މަހުގެ 11 ވާ އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.
މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާ އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިރު، އާދީއްތަ ދުވަހު ބާއްވާ އާޒިމާގެ ޝަރީއަތުގެ އަޑުއެހުން އޮންނާނީ އެ ދުވަހުގެ މެންދުރު 1:30 ގަ އެވެ.
އާޒިމާ މަގުފަހިކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލާގައި ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފަ އެވެ.
މި މައްސަލަތަކުގެ އަޑުއެހުމެއް މިދިޔަ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ވެސް ތާވަލުކޮށްފައި ވެއެވެ. ނަމަވެސް އެދުވަހުގެ ޝަރީޢަތް ކެންސަލް ކުރީ އާޒިމާ ޑޮކްޓަރަކަށް ދައްކަން ޖެހިވަޑައިގަންނަވާތީ އެވެ.
މި މައްސަލަތަކުގެ ތަހުގީގަށް ޔާމީން އާއި އާޒިމާ މީގެކުރިން އެތައް ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.
ޕީޖީ އޮފީހުން، ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގގެ ދައުވާ އުފުލައި، އެ ދައުވާ މިދިޔަ އަހަރުގެ ފަހުކޮޅު ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ.
އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފަ އެވެ. އެކަމަކު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް