ގޭގައި މަސައްކަތްކުރާ މަސައްކަތު މީހުންގެ ގޮތުގައި މައިންބަފައިން އުޅެންޖެހޭ ކަމީ މަދުންނަމަވެސް މުޖުތަމަޢުން ފެންނަ ހިތްދަތި މަންޒަރެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
އެފަދަ މައިންބަފައިން 24 ގަޑިއިރު ކަހަލަގޮތަކަށް އުޅެން ޖެހެނީ ހިތްދެމިލާނޭ ވަގުތެއް ނެތި، ރަނގަޅަށް ގައިންތާހިރުވާނޭ ވަގުތެއްނެތި އަދި ހަމަޖެހިލައިގެން ނަމާދުކޮށްލާ ކީރިތި ޤުރްއާނުން އަކުރެއްކިޔާލާނޭ ވަގުތެއް ނެތި ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.
''އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި އަޅައިލުން'' މި މައުޟޫއަށް މިއަދު ކުރިއަށް ގެންދިޔަ މިއަދުގެ ހުކުރު ޚުތުބާގައި މަތިވެރި އަޚްލާގީ ސިފަތަކުގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެމީހުންގެ ހައްގުތައް ދެނެގަނެ، އެ ޙައްގުތަކަށް ރައްކާތެރިވެ، އަދަބު އިހްތިރާމް އަދާކުރުން ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެމީހުންނަކީ މިއަދު ޢުމުރުން ދުވަސްވެ، ގައިބާރު ދެރަވެފައިވާ ބަޔަކަށް ވިޔަސް، ދުނިޔޭގައި ގިނަ ދުވަހު އުޅެ، ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ޤައުމުގެ އިސްރަށްވެހިން ކަމަށް ވެސް ބުނެފައި ވެއެވެ.
"އަޅުގަނޑުމެންނަށްޓަކައި ބުރަ މަސައްކަތްތަކެއްކޮށް ގައިން ދާ އޮހޮރުވާ، ބޮޑެތި ޤުރުބާނީތަކެއް އެ މީހުން ވަނީ ވެފަ. އެހެންކަމުން އެމީހުންނަށް ދޭންޖެހޭ ޙައްގު ޤަދަރާއި އިހްތިރާމް ދިނުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވައި، ވަޞިއްޔަތް ކުރައްވާފައިވޭ" ޚުތުބާގައި ބުނެފައި ވެއެވެ.
މިއަދުގެ ޚުތުބާގައި ބުނީ ޢުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށް ހިތުމާއި އިޙުސާންތެރިވުމާއި މުޖުތަމަޢުގެ ކަންތައްތަކުގައި ބައިވެރި ކުރުމާއި ކަންކަމުގައި މަޝްވަރާ އާ ޚިޔާލު ހޯދުމަކީ އަޅުގަނޑުމެން ކުރާ ކަންކަމުގައި މާތްﷲ ބަރަކާތްލައްވާނޭ ކަމެއް ކަމަށެވެ. އަދި އެހެންކަމުން އިޖުތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި ޢުމުރުން ދުވަސްވީ މީހުންގެ އަގު ވަޒަންކޮށް، އިސްދައުރެއް އަދާކުރެވޭނޭ މަގު ތަނަވަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކޮށް އުޅުމަކީ މަދުންނަމަވެސް ފެންނަ ހިތާމަވެރި މަންޒަރެއް ކަމަށާއި އާއިލާގެ މީހުންގެ ފަރާތުންނާއި، ދުރު މީހުންގެ ފަރާތުން މިފަދަ ފުރައްސާރަކުރުންތަކާ ކުރިމަތި ލާން ޖެހޭ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް