ކަންނެތް ކަމަކީ ޢުމުރުގެ ތާޒާކަން ގެއްލުވައިލާ ކަމެއް!

ކަންނެތްކަމަކީ އެކަމުގެ ނުބައިކަން ފަރްދުންނަށާއި މުޖްތަމަޢަށް އިންތިހާއަށް ފޯރާ ބޮޑު އާފަތެކެވެ. ބޮޑު ބަލިމަޑު ކަމެކެވެ. އެއީ މީހާގެ ޝަޙްޞިއްޔަތު ހަލާކުކޮށް ބިމާހަމަ ކޮށްލާ ކަމެކެވެ. އެއީ ޢުމުރުގެ ތާ...

09 Oct 2020 | 04:12

ކަންނެތްކަމަކީ އެކަމުގެ ނުބައިކަން ފަރްދުންނަށާއި މުޖްތަމަޢަށް އިންތިހާއަށް ފޯރާ ބޮޑު އާފަތެކެވެ. ބޮޑު ބަލިމަޑު ކަމެކެވެ. އެއީ މީހާގެ ޝަޙްޞިއްޔަތު ހަލާކުކޮށް ބިމާހަމަ ކޮށްލާ ކަމެކެވެ. އެއީ ޢުމުރުގެ ތާޒާކަން ނައްތައިލައި ޙަޔާތުގެ ފުޅައު ރާސްތާ ހަނިކުރުވާ ކަމެކެވެ. އެއީ އަގު ވެއްޓި މުޖްތަމަޢުގައި ތިބާގެ ޤަދަރު ވެއްޓިގެން ދާކަމެކެވެ.

މިހެންވެ ތެދުވެރި މުއުމިނުންނަކީ ކަންނެތްކަމަށް ނަފްރަތު ކުރާ އެކަމާ ދުރުހެލިވުމަށް ގަދައަޅައި މަސައްކަތް ކުރާ ބަޔެކެވެ. ކަންނެތްކަމުން ދުރުކޮށްދެއްވުމަށް އެދި މުއުމިނުން ދުޢާކުރާނެތެވެ. އެ ނުބައި ވަބާއިން ސަލާމަތްވޭތޯއެވެ.

ކަންނަތކަމުގެ ތެރެއަށް ވެއްޓިއްޖެ މީހަ އެ ވަނީ މައްޔިތުންގެ ގިންތިއަށް ފުރޮޅިގަންފައެވެ. ކަންނެތްކަމަށް އާދަވެ ރާޙަތަށް ލެބިގަންފި މީހާއަށް ރާޙަތެއް ނެތެވެ. ޙިކްމަތްތެރި ބަހެއް ބުނާ ގޮތުގައި ބުރައުފުއްލަން ބޭނުން ނުވާ މީހާ ބުރަ އުފުއްލާށެވެ. އޭރުން އެމީހާއަށް ބުރަ އުފުއްލާކަށް ނުޖެހޭނެއެވެ. މި ފަދަ އެހެން ބަހެއް ބުނެފައިވައެވެ. ތިބާ ކަންނެތްވެ ފޫހި ނުވާށެވެ! ފަހެ ތިބާ ކަންނެތްވެއްޖެނަމަ އެއްވެސް ޙައްޤެއް އަދައެއް ނުކުރެވޭނެއެވެ. ތިބާ ފޫހިވެއްޖެނަމަ ޙައްޤުގެ މަތީ ދެމިއެއް ނުހުރެވޭނެއެވެ.

ކަންނެތް ކަމަކީ  އިންސާނީ ހައިއަތު އުވާލައި ކަމެކެވެ. ސައެންޓިސްޓުން ބުނާގޮތުގައި އެއްވެސް ގުނަވަނެއް ބޭނުން ނުކުރަން ފަށައިފިނަމަ އެ ގުވަނެއް ކުރާ މަސައްކަތް ކުރުން ހުއްޓިދާނެއެވެ. ނިދަން އޮށޮއޮވެ ލޯ މަރައިލުމުން ލޮލުގެ މަސައްކަތް ހުއްޓި ދެއެވެ.

ކަންނެތް ވުމުން ހަށިގަނޑު ބަރުހެލިވުމަށް އާދަވާ ފަދައިން ވިސްނުމާއި ފިކްރުކުރުމާ ދުރަށް ދިޔުމުން އިންސާނާ ގަނބުވެގެން ދާނެއެވެ. މިހެންވެ އިސްލާންދީން ގޮވައިލަނީ މުސްލިމުން އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބުމަށެވެ. އަބަދުވެސް ތަމްރީނު ހޯދުން މަތީގައި ތިބުމަށެވެ.

ކަންނެތްކަމުގެ ސަބަބުން އެ މީހާގެ އަމިއްލަ ނަފްސަށާއި އެ މީހާގެ ޢާއިލާއަށާއި މުޖްތަމަޢަށް ލިބޭނީ ގެއްލުމާއި ހަލާކެވެ. ކަންނެތްވުމުގެ ސަބަބުން އޭނާ  ޢިއްޒަތްތެރިކަމުން ނިކަމެތިކަމަށް ، މުއްސަނދިކަމުން ފަޤީރުކަމަށް، ވިސްނުން ތޫނުކަމުން ގަނބުކަމަށް، މަތިވެރިކަމުން ދަށު ދަރަޖައަށް ، ހީވާނގިކަމުން  ބުރަހެލިކަމަށް . އެންމެހާ ރިވެތި ސިފަތަކުން ހުތުރު ސިފަތަކަށް އެ މީހާ ވެއްޓިގެން ދާނެއެވެ.

ކަންނެތްމީހާ އޭނާގެ ނަފްސަށް ވެސް އަދި އެހެން މީހަކަށް ވެސް ފައިދާއެއް ނުކޮށްދޭނެއެވެ. އެއީ ޢަޒްމެއްނެތް މީހެކެވެ. ހިތްވަރެއްނެތް މީހެކެވެ. ބުރަ އުފުލުމަކާ ނުލައި ފައިދާ ޙާޞިލުކުރުމަށް އެދޭ މީހެކެވެ. އެހެންކަމުން ކަންނެތްކަމުން ޤައުމު ދާނީ ދަށަށެވެ. ކުރިއެރުމެއް ނުލިބޭނެއެވެ. ކަންނެތްކަމުން ޤައުމުގައި ފެތުރޭނީ ފަޤީރުކަމާއި ވަޒީފާ ނުލިބުމުގެ އާފަތެވެ. ޤައުމުގައި ފެތުރޭނީ ވައްކަމާއި ޖަރީމާތަކެވެ.

ދުނިޔެއަށް ބަލާއިރު ކަންނެތްކަމަކީ ނާކަމިޔާބީއަށާއި ނާރަށްވެހިކަމަށާއި،  ފަޤީރުކަމަށާއި ޖާހިލުކަމަށް ވާޞިލުކޮށްދޭ މަގެވެ. ކަންނެތްކަމުން ޢިއްޒަތެއް ނުލިބޭނެއެވެ. ޙަޟާރަތެއް ބިނާއެއް ނުކުރެވޭނެއެވެ. ޤައުމަށާއި ވަޠަނަށް ބޭނުންވަނީ ވިސްނުންތޫނު، ކެރުންތެރި، ހީވާގި މީހުންނެވެ. މަތިވެރި ހިއްމަތްތެރި ސިކުނޑިތަކެވެ. ބާރުގަދަ މުލައްދަނޑިތަކެވެ. އޯގާވެރި، ސާފު، ލޮބުވެތި ހިތްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް