250 އަށްވުރެ ގިނަ މެހެމާނުންނާއެކު ކޮވިޑު ހާލަތުގައި ވަރަށް ތަފާތު ކައިވެންޏެއް !

ކޮވިޑު 19ގެ ހާލަތަށް ރިއާޔަތްކޮށް، މޮޅު ހިޔާލެއް ނެރެ، އިނގިރޭސިވިލާތުގައި ކައިވެނީގެ ވަރަށް ތަފާތު ހަފްލާއެއް ބާއްވައިފިއެވެ. ނިމިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި މި ހަފްލާއަކީ އިނގިރޭސިވިލާތުގައި ދިރިއ...

09 Oct 2020 | 02:18

ކޮވިޑު 19ގެ ހާލަތަށް ރިއާޔަތްކޮށް، މޮޅު ހިޔާލެއް ނެރެ، އިނގިރޭސިވިލާތުގައި ކައިވެނީގެ ވަރަށް ތަފާތު ހަފްލާއެއް ބާއްވައިފިއެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި މި ހަފްލާއަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އިންޑިއާގެ ދެ ރައްޔިތެއް ކަމުގައިވާ ރޯމާ ޕޯޕަޓާއި ވިނާލް ޕަޓޭލްގެ ކައިވެނީގެ ހަފްލާއެވެ.

ކޮވިޑާއި ގުޅިގެން އިނގިރޭސިވިލާތުން އިއުލާނުކޮށްފައިވަނީ ހަފްލާއެއްގައި އެކުގައި އެއްތަންވެވޭނީ ގިނަވެގެން 15 މީހުންނަށް ކަމަށެވެ. ނަމަވެސް މި ޖޯޑުގެ ކައިވެނި ހަފްލާގައި 250 މެހެމާނުން ބައިވެރިކުރުވިއެވެ. އެކަންކުރީ އެ މެހެމާނުންގެ ކާރުތަކުގައި ބައިތިއްބައިގެންނެވެ.

މި ހަފްލާ ކުރިއަށްގެންގޮސްފައިވަނީ އިނގިރޭސިވިލާތުގެ ބްރެކްސްޓެޑް ޕާކުގައެވެ. މެހުމާނުން ކާރުތަކުގައި ގޮސް ޕާކުގައި ކާރު ޕާކުކޮށްގެން ތިބި އިރު ކައިވެނީގެ ހަފްލާގައި މި ދެމަފިރިންނާ ގާތުން ހަރަކާތްތެރިވީ ދެމަފިރިންގެ އާއިލާގެ ގާތް މީހުން އެކަންޏެވެ. އެހެން މެހެމާނުންނަށް ކައިވެނީގެ ހަފްލާ ދައްކަން ބޭނުންކުރީ ބޮޑު ސްކްރީނެކެވެ.

ކައިވެނީގެ ހަފްލާ ކުރިއަށްގެންދިޔައިރު ކެއުންބުއިމުގެ ކަންތައް ކުރިއަށްގެންދިޔައީ ސެގްވޭތަކުގައި އުޅުނު، ކޭޓަރިން ވޭޓަރުންނެވެ. އެ ވޭޓަރުން ކާރުތަކުގެ ކައިރިއަށް ގޮސް އޯޑަރު ނަގައިގެން އޯޑަރު ޑެލިވަރ ކުރަމުންދިޔައިރު ކައިވެނީގެ ހަފްލާ ދިޔައީ ކުރިއަށެވެ.

މި ދެމަފިރިން ބީބީސީއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާގޮތުގައި މި ހިޔާލު ފުރަތަމަ އައީ ޖޯކެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އިތުރަށް މި ހިޔާލާއިމެދު މަޝްވަރާ ކުރެވި ހިޔާލު އިތުރަށް މުއްސަނދި ކުރެވިގެންދިޔައީ ކަމަށެވެ. އަދި ބޭނުންވި އެންމެންނަށް ކައިވެނީގެ ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު ދެވުނީތީ ތިބީ ވަރަށް އުފަލުން ކަމުގައިވެސް މި ދެމަފިރިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް