އެމްއެމްއޭ -- ދުވަސް ފޮޓޯ
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގާ ފަރާތްތައް ފާހަގަވެފައިވާތީ އެފަދަ ފަރާތްތަކާ އެކު މުޢާމަލާތް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
މަރުކަޒީ ބޭންކުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ޚިދުމަތް ދެވޭނީ އެ އޮތޯރިޓީން ދޫކުރާ ޚާއްޞަ ލައިސަންސެއް ލިބިގެންނެވެ. ބޭރު ފައިސާއާ ބެހޭ ޤާނޫނާއި މަނީ ޗޭންޖިން ވިޔަފާރީގެ ގަވާއިދުގައި ވެސް އެ ކަން ސާފުކޮށް ކަނޑައަޅާފައިވެއެވެ.
ހުއްދައެއް ނެތި މި ވިޔަފާރި ހިންގުމަކީ ދިވެހި ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބޭންކެއް ނޫން އެހެން ފަރާތެއް މެދުވެރިކޮށް ބޭރު ފައިސާ ބަދަލުކުރާ ކޮންމެ ފަހަރަކު ވެސް އެ ފަރާތަކީ ލައިސަންސް އޮތް ފަރާތެއްތޯ ޔަޤީންކުރުމަށް އެމްއެމްއޭ އިން ވަނީ އިރުޝާދު ދީފައެވެ. ހުއްދަ ދީފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ ލިސްޓު އެ އޮތޯރިޓީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް