ހޯނޑެއްދޫއިން އިތުރު މީހަކު ކޯވިޑަސް ޕޮސިޓިވް ވެއްޖެ

ގދ. ހޯނޑެއްދޫގައި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ހޯނޑެއްދޫއަކީ މާލެ ފިޔަވާ އެންމެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ރަށެވެ. އެ ރަށުން މިއަދު ޕޮސިޓިވްވި މީހާ އާއި އެކު ޕޮސިޓިވް ...

09 Sep 2020 | 18:11

ގދ. ހޯނޑެއްދޫގައި އިތުރު މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހޯނޑެއްދޫއަކީ މާލެ ފިޔަވާ އެންމެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ރަށެވެ. އެ ރަށުން މިއަދު ޕޮސިޓިވްވި މީހާ އާއި އެކު ޕޮސިޓިވް 36 މީހުން އެބަތިއްބެވެ.

އޭގެ ތެރެއިން އުމުރުން ދުވަސްވީ ދެ މީހަކު ވަނީ ގއ. ވިލިނގިލީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީއަށް އިތުރު ފަރުވާ ދިނުމަށް ބަދަލުކޮށްފައި އެވެ. އެ ރަށުން އެންމެ ފުރތަމަ ޕޮސިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ތިބި ދެމީހުންނެވެ.

އެމީހުންނާއި އެއްވެސް ބަޔަކު ބައްދަލުވެފައި ނުވާކަމަށް އެޗްއީއޯސީން މިހާތަނަށް ބެލި ބެލުމުން އެނގުނު ނަމަވެސް އެކަން އިތުރަށް ބަލަން ފަށާފައިވާ ކަމަށް އެ ސެންޓަރުން ބުނެ އެވެ. އެއީ މިހާތަނަށް އެ ރަށުން ޕޮސިޓިވްވި އެންމެންނަކީވެސް ކަރަންޓީންގައި ތިބި މީހުންނާއި ޑައިރެކްޓު ކޮންޓެކްޓު އަދި ސެކަންޑްރީ ކޮންޓެކްޓުވި މީހުންނެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ހޯނޑެއްދޫގައި އޮތީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށެވެ. އެއީ ފުރަތަމަ ބަލި ޖެހުނު މީހާ ދެނެގަނެވިފައިވާތީ ކަމަށެވެ.

މިހާތަނަށް ޕޮސިޓީވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި އެ ރަށުން 100 އަށްވިރެ ގިނަ މީހުން ފާހަގަވެފައިވާއިރު 60 މީހުންގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތައް ފެންނަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ރަށުގައި އިތުރު ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހޯނޑެއްދޫގެ ކޯވިޑްގެ ހާލަތާއި ގުޅިގެން އެ ރަށާއި ކޯޒްވޭއަކުން ގުޅާލާފައިވާ މަޑަވެލީގައިވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދެ އެވެ. އަދި މި ދެ ރަށް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް